މޯލްޑިވިއަން އައިޑޮލްއިން ވިދާލި ކުޅަދާނަ ދެ ލަވަކިޔުންތެރިން ކަމަށްވާ ޝަލަބީ އިބްރާހިމްއާއި އައިމިނަތު ސައިނާ ރަޝީދުގެ ޝޯއެއް މިރޭ ބަރިސްތާގައި އޮންނާނެ އެވެ. ޝަލަބީއާއެކު ސައިނާ ޕާފޯމްކުރާނެ މިއީ އަދި ފުރަތަމަ ފަހަރެވެ. އަދި އައިޑޮލް ނިމުނުފަހުން މިއީ ސައިނާގެ ފުރަތަމަ ޕަބްލިކް ފާފޯމަންސްވެސްމެ އެވެ.
ޝަލަބީއަކީ އައިޑޮލްގެ ފުރަތަަމަ ސީޒަންގެ ރަނަރަޕް އެވެ. އަދި ސައިނާއަކީ އެންމެފަހު ސީޒަންގެ ރަނަރަޕް އެވެ. މި ޝޯއަށް ދެ ފަންނާނުންވެސް ތިބީ "އެކްޒައިޓެޑް" ވެފަ އެވެ.
"ޝަލަބީއަކީ އަބަދުވެސް ނަންބަރް ވަން ޕާފޯމާއެއް އަދި ސައިނާގެ އަބަދުވެސް ފޭވަރިޓެއް، ޝަލަބީއާއެކު ޕާފޯމްކޮށްލުމަށް އަބަދުވެސް ބޭނުންވި އެކަމަކު އައިޑޮލްގެ ތެރެއިންވެސް އެ ފުރުސަތު ނުލިބެ ދިޔައީ، އެހެންވީމާ ވަރަށް އެކްޒައިޑެޓްވެފައި މިހުރީ ޝަލަބީއާއެކު ޕާފޯމްކޮށްލަން ލިބުމުން،" އައިޑޮލްގެ އިތުރުން ސުކޫލްތަކުގެ ލަވަ މުބާރާތުން ރަން ވަނަތައް ހޯދާފައިވާ ސައިނާ ބުންޏެވެ.
"ވަރަށް އުފާވޭ މި ފުރުސަތު ލިބުނީމަ، އަނެއްކާ ސައިނާއަކީ ވަރަށް މޮޅު ކުއްޖެއް، އެހެންވީމަ މިރޭގެ ޝޯއަށް އޮތް 'އެކްޒައިޓްމަންޓް' އިތުރަށް ބޮޑު،" އައިޑޮލްއިން ވިދާލި ބައިވެރިންގެ ތެރެއިން މިހާރު އެންމެ ކާމިޔާބު އެއް ފާންނާނު ޝަލަބީ ބުންޏެވެ.
މި ދެ ފަންނާނުން ޕާފޯމްކުރާނީ ކޮންމެ އަހަރަކުވެސް ބަރިސްތާއިން ބާއްވާ ފެންޓަސީ ލީގުގެ މި އަހަރުގެ ލީގު ލޯންޗުކުރުމަށް ބާއްވާ ހަފްލާގަ އެވެ. މިދިޔަ އަހަރުގެ ލީގުގައި ބައިވެރިވެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކުރުންވެސް މިރޭގެ ހަފްލާގައި އޮންނާނެ އެވެ.
ރާއްޖޭގެ އެންމެ މަގުބޫލު މިއުޒިކް ސްޓްރީމިން އެޕް، ލަވަފޮއްޓާއި ގުޅިގެން ބަރިސްތާއިން އެމީހުންގެ ޕްލޭލިސްޓެއްވެސް ނެރުން އޮންނާނެ އެވެ. ދިވެހި އާޓިސްޓުންނަށް ހާއްސަ އިސްކަމެއްދޭ ބަރިސްތާއިން، މިރެއަށްފަހު އެ މީހުންގެ އައުޓްލެޓުތަކުގައި ޖަހާނީ ހަމައެކަނި ދިވެހި އާޓިސްޓުންގެ ލަވަތަކެވެ. މިކަން ކުރާނީ ބަރިސްތާ، ލަވަފޮށި އަދި ހައުސް އޮފް މިއުޒިކް ގުޅިގެންނެވެ.