ހަބަރު

ކެނެޑާ މައްސަލާގައި ރާއްޖޭން ސައުދީ ދިފާއުކޮށްފި

Aug 9, 2018
3

ސައުދީ އަންހެނުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންތަކެއް ހައްޔަރު ކުރުމާއި ގުޅިގެން، އެމީހުން ދޫކޮށްލުމަށް ކެނެޑާއިން ގޮވާލަމުން ދިއުމާއި ގުޅިގެން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލައިގެ ތެރެއަށް ރާއްޖޭން ވަދެ ސައުދީ ދިފާއުކޮށްފި އެވެ.

އެ މައްސަލާއާ ގުޅިގެން ރާއްޖެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް ގައުމަކުން އެހެން ގައުމެއްގެ ދާހިލީ ކަންކަމާއި ބެހި، އެ ގައުމެއްގެ މިނިވަންކަން ގެއްލޭގޮތަށް މަސައްކަތް ކުރުމަކީ ބައިނަލްއަގުވާމީ މުއާދަތަކާއި ދޭދޭ ގައުމުތަކުގެ މެދުގައި އަމަލު ކުރުމަށް އޮންނަ އުސޫލާއި މުޅިން ހިލާފުކަމެއް ކަމަށެވެ.

އަދި ސައުދީގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކޮށް ދަމަހައްޓަން އެ ގައުމުން އަޅަމުންދާ ފިޔަވަޅުތަކަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދު ކުރާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް މަޝްވަރާކޮށްގެން ހައްލުކުރުމަށް ވެސް އެ ބަޔާނުގައި ވަނީ ދެފަރާތަށް ގޮވާލާފަ އެވެ.

ސައުދީގެ ދާހިލީ ކަންކަމާބެހޭ ކަމަށް ތުހުމަތުކޮށް ސައުދީ ސަރުކާރުން ވަނީ ކެނެޑާ އާއި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލުމުގެ އިތުރުން، ސައުދީގައި ހުންނަވާ ކެނެޑާ ސަފީރު ވެސް އަނބުރާ ފޮނުވާލާފަ އެވެ.

އެ ފިޔަވަޅުތަކުގެ ރައްދުގައި، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުން ހުއްޓާނުލާނެ ކަމުގައި ކެނެޑާއިން ގެންދަނީ ބުނަމުންނެވެ.

މިދިޔަ މެއި މަހުން ފެށިގެން ސައުދީ ސަރުކާރަށް ފާޑު ކިޔައިގެން، ހައްގުތަކަށް މަސައްކަތް ކުރާ 15 އެކްޓިވިސްޓަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އޭގެ ތެރެއިން އަށް މީހެއްގެ މައްސަލަ މުރާޖައާ ކުރަން ކަމަށް ބުނެ މިހާރު ދޫކޮށްލެވިފައިވާއިރު، ބާކީ ތިބި މީހުންގެ ތެރެއިން ގިނަ ބައެއްގެ ވީތަނެއްވެސް ނޭނގޭކަމަށްވެ އެވެ. މީގެ ތެރެއިން ގިނަ ބަޔަކަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭއިރު، 20 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެކަމަށް ބެލެވެ އެވެ.