ހަބަރު

ކުނީގެ ޖޫރިމަނާ ކަނޑައަޅައި ތިމާވެށި ފުލުހުން ރަސްމީކޮށްފި

Aug 9, 2018
13

މާލެތެރެ ކުނިން ސަލާމަތް ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ފުލުހުންގެ އިދާރާއިން އުފެއްދި ތިމާވެށި ފުލުހުންގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ތިމާވެށި ފުލުހުންގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށާފައި ވަނީ ކުންޏާބެހޭ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ފަހު އެވެ. އެގޮތުން މަގުތަކާއި އެނޫން ވެސް ތަންތަނަށް ކުނި އެޅުމުގެ ކުށް ދަރަޖަކޮށް، ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރާނެ އަދަދުތަކެއް އަލަށް ގެނައި އިސްލާހުގައި ހިމަނާފައިވެ އެވެ.

ގަވައިދާ ހިލާފަށް ކުނި އަޅާ ފަރާތްތަކަށް 300 ރުފިޔާއާ އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އަލަށް ގެނައި އިސްލާހުގެ ދަށުން ޖޫރިމަނާ ކުރާ ގޮތް

ކުންޏާ ބެހޭ ގާނޫނަށް އަލަށް ގެނައި އިސްލާހުގެ ދަށުން އިޖްތިމާއީ އެކި ކަންކަމުގައި އާންމުކޮށް ބޭނުންކުރާ ސަރަހައްދުތަކުގައި ކުނިއެޅުމަށް ހާއްސަކޮށްފައިވާ ޑަސްބިންތައް ނޫން ތަނަކަށް ކުނި އަޅާނަމަ ފުރަތަމަ ފަހަރުން 300 ރުފިޔާ އަށް ޖުރިމަނާ ކުރާނެ ކަމަށް ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ. އަދި އެކުށް ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ ތަކުރާރު ކުރާ ކޮންމެ ފަހަރަކަށް 500 ރުފިޔާގެ މަގުން ޖުރިމަނާ ކުރާނެ އެވެ.

އަމިއްލައަށް ކުނި އުކަން ދާ މީހުންގެ އަތުން ވެސް ޖޫރިމަނާ ނެގޭ އުސޫލަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން އަމިއްލަ ފަރާތަކުން ކުނި އުކަން ގޮސް، އެތަން ބަލަހައްޓާ ފަރާތުން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފުވުމުން ކުންޏާއި ހަވާލުވާން އަންގާ ހާލަތެއްގައި އެކަމަށް އިންކާރުކޮށްފި ނަމަވެސް ޖޫރިމަނާ ނެގޭނެ އެވެ. އެގޮތަށް ޖޫރިމަނާ ނަގާނީ ކުށް ކުރާ ފުރަތަމަ ފަހަރު، 500 ރުފިޔާ، އަދި އޭގެ ފަހުން ކޮންމެ ތަކުރާރުވުމަކަށް 1000 ރުފިޔާގެ ރޭޓުންނެވެ. އަދި ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ނުހޯދައި ކުނީގެ ހިދުމަތް ހޯދާ ފަރާތްތައް ވެސް ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެ އެވެ. އެގޮތުން ކުނި އަޅާ ފުރަތަމަ ފަހަރު 500 ރުފިޔާ، އަދި ތަކުރާރު ކުރާ ކޮންމެ ފަހަރަކު 2000 ރުފިޔާއަށްވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މި ނޫނަސް ކުނި މެނޭޖްކުރުމުގެ ގަވާއިދާ ހިލާފަށް ކުރެވޭ ތަފާތު ކުށްތަކަށް ޖޫރިމަނާ އަދަދުތަކެއް ކަނޑައަޅާފައިވެ އެވެ.

މިނިސްޓްރީން ބުނީ، ކުނި އަޅާ ފަރާތްތައް ދެނެގަނެ އެމީހުން ހޯދައި ފިޔަވަޅު އަޅާނީ ފުލުހުން ކަމަށެވެ. ނަމަވެސް މީހުން ދެނެގަންނާނެ ގޮތަކީ ސީދާ ކޮބައިކަން ހާމައެއް ނުކުރެ އެވެ.

މި ގަވާއިދުގެ ދަށުން ކުށް ކުރާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ނަސޭހަތްދީ ރަނގަޅު ނުކުރާނަމަ ޖޫރިމަނާ ކުރުމުގެ ބާރު ތިމާވެށި ފުލުހުންނަށް އޮންނާނެ އެވެ. އަދި ފައިސާ ނުދައްކާނަމަ އެ ފައިސާ ހޯދަން މީރާއަށް ދައުވާވެސް ކުރެވޭނެ އެވެ.

ކުނި މެނޭޖްކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުތަކާއެކު މާލެ ތެރެއަށް ކުނި އަޅާ މައްސަލަައަށް ފުޑޭވަރެއްގެ ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

އެކްޓިން ޕޮލިސް ކޮމިޝަނާ އަބްދުﷲ ނަވާޒް ވިދާޅުވީ، ގަވާއިދުގައި ޖޫރިމަނާތަކެއް ކަނޑައަޅާފައި އޮތްނަމަވެސް، ޖޫރިމަނާ ކުރާނީ ނަސޭހަތްދީ ރަނގަޅު ނުކޮށްފި ނަމަ ކަމަށެވެ.