ތިމާވެށި

އަހަރުތަކަކަށްފަހު މާލެއަށް ވެލާ އަރައިފި

Feb 27, 2022
11

ކަހަނބާއި ވެލާ ހިމާޔަތްކޮށްފައިވާތީ އެ ތަކެއްޗަށް ގޯނާކުރުމާއި ހިފުމާއި ކެއުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެކަމަކު ސިއްރުން ކަހަނބާއި ވެލާ ހިފައިގެން ކާ މީހުން އުޅެ އެވެ. ހަމައެގޮތަށް ވެލަ އަކީ ކަނޑުގެ ދިރުންތަކުގެ ތެރެއިން އެ ދިރުމެއްގެ އުޅުމާއި ގުޅުންތައް ހުންނަ ގޮތް ބެލުމަށް ދިވެހިން ވެސް ޝައުގުވެރިވާ ދިރުމެކެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައިވެސް ވެލާ އަކީ ޝައުގުވެރި ދިރުމެކެވެ.

ރާއްޖެ އަކީ ކަނޑުގެ ގައުމަކަށް ވިޔަސް ވެލާ އަރާ އަދި ބިސް އަޅާ މަންޒަރަކީ އެހާ އާންމުކޮށް ހަމަލޮލަށް ފެންނަ މަންޒަރެއް ނޫނެވެ. ވަކިން ހާއްސަކޮށް ވެރިރަށް މާލެ ކަހަލަ ގުދުރަތީ ރީތި ދޮންވެލިގަނޑެއް ނެތް ކޮންކްރީޓް ޖަންގައްޔެއް ކަހަލަ ރަށަކަށް ވެލާ އެރުމަކީ ވަރަށް ނާދިރު ކަމެކެވެ.

އެކަމަކު އެތައް އަހަރުތަކަކަށް ފަހު މާލެ އަށް މިއަދު ވަނީ ވެލައެއް އަރާފަ އެވެ. ހެނދުނު 6:00 ހާއިރު ވެލާ އެރީ ސިނަމާލެ ބްރިޖު، މާލެއާއި ގުޅިފައިވާ ސަރަަހައްދަށް 10 ވަރަކަށް ފޫޓަށް ވެލި ޖަމާވެފައިވާ ތަންކޮޅަށެވެ.

ބްރިޖުގެ ހުޅަނގު ދެކުނު ފަރާތަށް ވެލާ އަރާ އޮއްވާ ފުރަތަމަ ފެނުނީ އެ ސަރަހައްދުގައި ކަސްރަތު ކުރަން އުޅުނު ބަޔަކަށެވެ. އެ ސަރަހައްދަކީ އާންމުކޮށް ފުލުހުންގެ އޮފިސަރަކު ވެސް ޑިއުޓީ ކުރާ ސަރަހައްދަކަށް ވާތީ އެ ވަގުތު އެތަނުގައި ހުރި ފުލުސް އޮފިސަރު ރިޕޯޓްކުރުމާ އެކު އެތަނަށް އައި އިތުރު ފުލުހުންތަކެއް ވަނީ ވެލާ ހާލުގައި ޖެހިފައި އޮތް ކަމަށް ބަލައި އެ ވެލާ މޫދާ ބޭރުކޮށްލާފަ އެވެ.

އެ ސަރަހައްދުގައި އެ ވަގުތު ތިބި ދޮށީ އުމުރުގެ ބައެއް މީހުން ވަނީ ވެލާ އަރާ އޮތީ ބިސް އަޅަން ކަމަށްވާތީ ވެލައަށް އެ ފުރުސަތު ދޭން ފުލުހުންގެ ކިބައިން އެދިފަ އެވެ. ނަމަވެސް ފުލުހުން ވަނީ އާންމުން ވެލައާ ގާތް ނުވުމަށް ބުނެ އެ ވެލާ މޫދަށް ބޭރުކޮށްލާފަ އެވެ.

އެ ވަގުތު އެ ސަރަހައްދުގައި ހުންނެވި އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގެ ޑިރެކްޓާ ޖެނަރަލް އަދި މާލެއަށް ނިސްބަތްވާ އަހްމަދު ޝިޔާމް ވިދާޅުވީ އޭނާގެ ހަޔާތުގައި މާލެ އަށް ވެލައެއް އެރި ހަނދާން ދުވަހަކު ވެސް ނުވާ ކަމަށެވެ. އެހެންކަމުން ވެލާ އަރާ އޮތް މަންޒަރު ހަމަލޮލުން ބަލައިލައި ފޮޓާ ނަގާލަން ފުރުސަތު ލިބުމަކީ ޝިޔާމަށް ވެސް ތަފާތު ތަޖުރިބާއެކެވެ.

"އަޅުގަނޑު އަޑެެއް ނާހަން މީހަކު ބުނި އަޑެއްވެސް އަދި ލިޔުމަކުން ވެސް ނުދެކެން މިއިން ޒަމާނަކުވެސް މާލެ އަށް ވެލައެއް އެރި ކަމަކަށް. އެކަމަކު އަޅުގަނޑު ވިލިމާލޭގައި ނުވަދިހައިގެ ކުރީކޮޅު ދިރިއުޅެނިކޮށް 1992 ނުވަތަ 1993 ހިސާބުގައި ވެލާ ވަރަށް މަދުން ނަމަވެސް އެ ރަށަށް އެރި މަންޒަރު ދުށިން. އަދި މީގެ ހައެއް އަށެއްކަ އަހަރެއް ކުރިން ހުޅުލެއަށް ވެލާ އެރި އަޑެއް އެހިން. އެކަމަކު މާލެ އިން މިއަދު މިފެނުނީ ތަފާތު މަންޒަރެއް،" ކުރިން އިންފޮމޭޝަން މިނިސްޓްރީގައި ވެސް އިސްކޮށް މަސައްކަތް ކުރައްވާފައިވާ ޝިޔާމް ވިދާޅުވި އެވެ.

މާލެ އަށް މިއަދު ވެލާ އެރި މަންޒަރު ދުށް ކަމަށް ލިޔުންތެރިޔާ އަދި މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަފީގު (މޯޑް) ވެސް ވިދާޅުވި އެވެ. އެކަމަކު ކަސްރަތު ކުރެއްވުމަށްފަހު އެ ސަރަހައްދު ބައްލަވާލެއްވިއިރު ވެލާ ފަހުން އެތަނުގައި ނެތް ކަމަށް މޯޑް ވިދާޅުވި އެވެ.

ވެލާގެ އުޅުން ހުންނަ ގޮތް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅަކު މާލެ އަށް މިއަދު އެރި ވެލާގެ ވީޑިއޯ ބެއްލެވުމަށްފަހު އަވަސް އަށް ވިދާޅުވީ އޭނާ އަށް ލަފާ ކުރެވޭ ގޮތުގައި އެއީ ވެލާގެ ބާވަތެއް ކަމުގައިވާ މުސިންބީ އެކެވެ. މާލެ އަށް މިއަދު އެރި ވެލައަކީ ބިސް އަޅަން އެރި ވެލައެއް ކަމަށް އޭނާ އަށް ވަރަށް ބޮޑަށް ގަބޫލުކުރެއްވެ އެވެ. އެއީ ވެލާގެ ސައިޒާއި، ބްރިޖު ކައިރީގައިވާ ފަސްކޮޅުގައި ހަތަރު ވަޅު ކޮނެފައި ހުރި ގޮތުން އެއީ ބިސް އަޅަން ކޮށްފައި ހުރި ކަމެއް ކަމުގައި ވިދާޅުވި އެވެ.

"ވެލާ ބިސް އަޅަން އަރާއިރު އެގޮތަށް ތިން ހަތަރު ތަނެއް ކޮނެގެން ހިތްހަމަޖެހޭ ވަރުގެ ވަޅުގަނޑެއްގައި ނިކަން ހަމަޖެހިގެން އޮވެ އެ ސޮރުމެން ބިސް އަޅާނީ. ބިސް އަޅަން އޮއްވާ މީހަކު ކައިރިވިޔަސް އަޅާވެސް ނުލާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ވެލާ އެ ކުރާ ކަމެއް ކުރަން ފުލުހުން ދުރުގައި ތިބެ ފުރުސަތު ދިންނަމަ ވަރަށް ރަނގަޅުވީސް ކަމަށެވެ. އެ ފުރުސަތު ވެލައަށް ދިން ނަމަ އެއީ ދާއިމީކޮށް އެ ސަރަހައްދަށް އައުމުގެ ފުރުސަތު އޮތް ވެލައެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އެކަމަކު މިހާރު އެވީ ގޮތުން އަސްލު އެ ސޮރަށް އެވަނީ ގަސްދުގައި ނޫނަސް ގޯނާއެއް ކުރެވިފައި. ދެން ވަރަށް ނާދިރު ކަމެއް އެއީ އެ ވެލާ އެތަނުން އައުން،" ވެލާގެ ތަޖުރިބާކާރު ވިދާޅުވި އެވެ.