ހަބަރު

އދ. ސިޔާސީ ކަންކަމާބެހޭ އެސިސްޓެންޓްް އެސްޖީ ރައީސާ ބައްދަލު ކުރައްވައިފި

Aug 9, 2018

އދ. ގެ ސިޔާސީ ދާއިރާއާބެހޭ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މރ. މިރޮސްލާވް އެންކާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގަ އެވެ.

މި ބައްދަލު ކުރެއްވުމުގައި މިރޮސްލާވް އެންކާއަށް މަރުހަބާ ވިދާޅުވެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އދ. ގެ ސެކްރެޓަރީ ޖެނެރަލަށް ރާއްޖޭގެ ރައްޔިތުންގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ހެޔޮއެދުންތައް އަރިސް ކުރެއްވިއެވެ.

އަދި މި ބައްދަލު ކޮށްލެއްވުމުގައި އެމަނިކުފާނު ވަނީ ކުރިއަށްއޮތް ދުވަސްތަކުގައިވެސް ރާއްޖެއާއި އދ. އާއިދެމެދު އޮތް ގާތްކަން އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަހަރުގެ އިންތިޚާބަކީ ވެސް މިނިވަން މުސްތަގިއްލު އިންތިޚާބަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ވަޑައިގަތުމަށް އެމަނިކުފާނަށް ދައުވަތުދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި މި ސަރުކާރުން ހޯދާފައިވާ އިގްތިސޯދީ ކާމީޔާބީތަކަށް ތަޢުރީފު ކުރައްވާ އެ ކާމިޔާބީގެ އަސްލަކީ ރައީސް ޔާމީން ކަމުގައި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފާހަގަ ކުރެއްވި އެވެ.