ހަބަރު

ކަރެކްޝަނުން އަދީބާ ދޭތެރޭ އަމަލު ކުރަނީ ރަނގަޅަށް: އެޗްއާރްސީއެމް

Aug 10, 2018
3

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުއާ ދޭތެރޭ ކަރެކްޝަނުން އަމަލު ކުރަމުން ގެންދަނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތުގެ މަތީން އެޗްއާރްސީއެމުން ބުނެފި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އެޗްއާރްސީއެމަށް މައިގަނޑު ހަތަރު ކަމެއް ހިމަނައި މައްސަލައެއް ހުށަހަޅާފަ އެވެ. އޭގައިވަނީ، އާއިލާ ބައްދަލުވުން މަހަކު އެއްފަހަރު ދޭން ނިންމާފައިވުމާއި ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދޭ ކަމަށާއި އަދީބަކީ ސްޕެޝަލް ޕްރޮޓެކްޝަން ދޭން ޖެހޭ ފަރާތަކަށްވެފައި، އެހެން ފަރާތްތަކާއި ތަފާތުކުރާ ކަމަށް ބުނެ އެވެ.

އެޗްއާރްސީއެމުން މައްސަލަ ނިންމި ގޮތް ހާމަ ކުރައްވައި ބުނީ، މައްސަލައާ ގުޅިގެން ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށް ތަހްގީގަށސް ފާހަގަ ކުރެވޭ ކަންކަމަށް ބަލާއިރު އަދީބަކީ ސްޕެޝަލް ޕްރޮޓެކްޝަން ދިނުމަށް ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތަކަށް ނުވާތީ އެ ހިދުމަތްތައް ދޭން ނުޖެހޭ ކަމަށެވެ.

އަދީބަށް އާއިލީ ބައްދަލުވުންތައް ހަފްތާއަކު އެއްފަހަރު ކުރިން ދެވުނީ އަރާފައިވާ އޮޅުމަކުން ކަމަށް ކަރެކްޝަނުން ބުނެފައިވާ ކަމަށާއި އެހެން ކަމުން މަހަކު އެއްފަހަރު މިހާރު ދެމުން ގެންދާ ގޮތަށް ގެންދަނީ ރަނގަޅަށް ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.

"ގައިދީންނާއި ބަންދު މީހުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދު ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތުގެ ތެރޭގައި އަހްލާގީ މިންގަނޑަށް ބެލުމަށްފަހު ކޮންމެ މަހަކު އެއް ފަހަރު ބައްދަލުވުން ހަމަޖައްސައިދެއްވާނެ ކަމަށް ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދީބަށް މަހަކު އެއް ފަހަރު އާއިލީ ބައްދަލުވުން ދެމުންދޭ،" އެޗްއާރްސީއެމުން ބުންޏެވެ.

އަދީބުއަށް ދޭން ޖެހޭ ވަކީލުންގެ ބައްދަލުވުންތައް ކެންސަލް ވެފައިވަނީ ލިޔެކިޔުންތައްހަމަ ނުކުރާތީ ކަމަށް ކަރެކްޝަނުން ފާހަގަ ކޮށްފައިވާތީ، އުސޫލާއެއް ގޮތަށް ހުށަހެޅުމުން ހަމަޖެހޭނެ ކަމަށް ކަރެކްޝަނުން ބުނެފައިވާ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.

އެޗްއާރްސީއެމުން ބުނީ، އަދީބުގެ ސިއްހީ ފަރުވާއާ ބެހޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އެހެން ކަމުން ނަޝްވާ ހުށަހެޅުއްވި މައްސަލަ ކޮމިޝަނުގެ ބައްދަލުވުމުން ބަލައި ނިމިފައިވާ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.