ހަބަރު

އަދީބާ ގުޅޭ އެޗްއާރްސީއެމްގެ ބަޔާނާ މެދު ކަންބޮޑުވަަން: ހޯމް މިނިސްޓްރީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ބަދަލު ކުރި މައްސަލައާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ނެރުނު ބަޔާނުގައި ކަންބޮޑުވާކަންކަން ހުރި ކަމަށް ހޯމް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.

އެޗްއާރްސީއެމް އިން ބުނެފައި ވަނި އައިޖީއެމްއެޗްގެ ހާއްސަ ޑޮކްޓަރަކު އަދީބު "ހޯމްލީ އެންވައިރޮމެންޓެއްގައި" ދެ މަސް ދުވަހު ބެހެއްޓުމަށް ލަފާދީފައިވާ ކަމަށާއި ނަމަވެސް އެ ލަފަޔާއި އެއްގޮތަށް ކަރެކްޝަންސް އިން އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި ބުނީ ޑޮކްޓަރުގެ ލަފަޔާއި އެއްގޮތަށް އަމަލު ކުރުމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ކަރެކްޝަންސްގެ ޒިންމާއެއް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ އެޗްއާރްސީއެމްގެ ބަޔާނުގައި ހޯމް މިނިސްޓްރީ އިން ކަންބޮޑުވާ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އަދި އެކަންކަން މިނިސްޓްރީ އިން ބަލަމުން ގެންދާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ. އެ މައްސަލާގައި ކަންބޮޑުވަނީ ކޮން ކަމަކާ ކަން ވިދާޅެއް ނުވި އެވެ.

"އެޗްއާރްސީއެމްގެ ބަޔާނުގައި އެބަހުރި އަޅުގަނޑުމެން ކަންބޮޑުވާ ބައެއް ކަންކަން، އެކަންކަން ބަލަމުން އެބަދަން، އެއަށް ފަހު އެޗްއާރްސީއެމްގެ ނިންމުމާ މެދު ވަކި އެއްޗެއް ހާމަ ކުރާނަން،" ނަޒީރު ވިދާޅުވި އެވެ.

އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަކޮޅުތަކެއް ނެގުމަށް މިދިޔަ ނޮވެމްބަރު މަހު ވަނީ އައިޖީއެމްއެޗްގައި އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އޭނާ ގެއަށް ބަދަލުކުރީ ވެސް އެ އޮޕަރޭޝަނަށް ފަހު އެވެ. އޭނާ ގެއަށް ބަދަލު ކުރުމާ އެކު އެމްޓީޑީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައި ސިޔާސީ މަސައްކަތްތައް ވަނީ ފައްޓަވައިފަ އެވެ. ނަމަވެސް ގޭބަންދުން ޖަލު ބަންދަށް ބަދަލު ކުރުމުން އަނެއްކާ ވެސް އަދީބު ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ.