ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ބަދަލު ކުރި މައްސަލައާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން މުއައްސަސާތަކަށް ފޮނުވި ސީޓީގައި ފާހަގަކޮށްފައިވާކަންކަމާއި އަދީބުގެ ޑޮކްޓަރުން ދީފައިވާ ލިޔުންތަކުގައިވާ ލަފަޔާ ދިމާ ނުވާކަން ކަށަވަރުވެއްޖެ އެވެ.
އެޗްއާރްސީއެމްގެ ސިޓީގައިވާ ގޮތުން އަދީބު ޖަލު ބަންދަށް ބަދަލުކޮށްފައި ވަނީ އޭނާ ދެ މަސް ދުވަހު ގޭގައި ހުރުމަށް އައިޖީއެމްއެޗްގެ ޔޫރޮލޮޖީގެ ހާއްސަ ޑޮކްޓަރު ލަފާދީފައި ވަނިކޮށް ކަމަށެވެ. އެގޮތުން ޑޮކްޓަރުގެ ލިޔުމާ ހަަވާލާދީ އެޗްއާރްސީއެމް އިން ބުނެފައި ވަނީ އަދީބު އަވަހަށް ރަނގަޅުވުމަށް ދެ މަސް ދުވަހު ބުރަ މަސައްކަތް ކުރުމަށާއި އަމާން މާހައުލެއްގައި 6-8 ހަފްތާ އޭނާ ބަހައްޓަން ޖެހޭ ކަމަށެވެ.
"އަވަހަށް ރަނގަޅުވުމަށް ދެ މަސް ދުވަހަށް ބުރަ މަސައްކަތް ކުރުމައި އަމާން މާހައުލަކާއި އާއިލާގެ އަޅައިލުމާއެކު 6-8 ހަފްތާ އުޅެން ޖެހޭނެ،" ޑޮކްޓަރުގެ ލިޔުމުގައިވާ އެޑްވައިސް އޮން ޑިސްޗާޖު ގައި އިބާރާތްކޮށްފައިވާ ގޮތް ކަމަށް ބުނެ އެޗްއާރްސީއެމްގެ ސިޓީގައި އިނގިރޭސި ބަހުން ކުއޯޓުކޮށްފައިވެ އެވެ.
އަދީބުގެ ޑޮކްޓަރު އޭނާގެ އާއިލާއާ ހިއްސާ ކުރި ސިއްހީ ހާލަތާ ގުޅޭ ލިޔުން "އަވަސް"އަށް ވަނީ ލިބިފަ އެވެ. ނަމަވެސް ސީދާ ޑޮކްޓަރުގެ ލިޔުމުގައިވާ ގޮތް ކަމަށް ބުނެ އެޗްއާރްސީއެމްގެ ސިޓީގައި ކުއޯޓުކޮށްފައިވާ ގޮތާއި ޑޮކްޓަރުގެ ލިޔުމުގައި އަސްލު ބަޔާންކޮށްފައިވާ ގޮތަކާ ދިމަލެއް ނުވެ އެވެ.
ޑޮކްޓަރުގެ ލިޔުމުގައިވާ ގޮތުން ދެ މަސް ދުވަސް ވަންދެއް އަދީބު ބުރަ މަސައްކަތާ "ދުރުވާން ޖެހެ" އެވެ. -- އެޗްއާރްސީއެމްގެ ސިޓީގައިވާ ގޮތުން ދެ މަސް ދުވަހު ބުރަ މަސައްކަތް ކުރަން ޖެހެ އެވެ. -- އޭގެ އިތުރުން އަމާން މާހައުލެއްގައި 6-8 ހަފްތާ އަދީބު ބަހައްޓަން "ކޮންސިޑާ" ކުރުމަށް ޑޮކްޓަރުގެ ލަފާގައި ވަނީ ބުނެފަ އެވެ.
އެކަމާ ގުޅޭ ގޮތުން އެޗްއާރްސީއެމް އޮފިޝަލެއްގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ. ނަމަވެސް ހޯމް މިނިސްޓްރީ ވަނީ އެޗްއާރްސީއެމްގެ ބަޔާނުގައި ކަންބޮޑުވާ ކަންކަން ހުރި ކަމަށާއި އެކަންކަން ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދީބު ޖަަލު ބަންދަށް ބަަދަލު ކުރުމާ ގުޅޭ ގޮތުން އޭނާގެ އާއިލާ އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އަދީބު އަނބުރާ ޖަލަށް ބަދަލު ކުރަން ޖެހުނީ ގެއަށް ބަދަލު ކުރަމުންވި އިގުރާރާ ހިލާފަށް އަމަލު ކޮށްފައިވާތީ ކަމަށެވެ. އަދީބު ޖަލަށް ބަދަލުކުރީ ހުކުމް ތަންފީޒުކުރަމުންދާ މީހުން އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދުގައިވާ ފަދައިން އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް އެކަށީގެންވާ މާހައުލެއް ޖަލުގައި ގާއިމް ކުރުމަށްފަހު ކަމަށާއި އެ ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުމީހުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އިންސާނީ ކަރާމަތަށް ގެއްލުންވާފަދަ އަމަލެއް ނުކުރާނެ ކަމުގެ ޔަގީންކަން ކަރެކްޝަނުން ވަނީ ދީފަ އެވެ.