ހަބަރު

އަދީބު ޖަލަށް ބަދަލު ކުރީ ޑޮކްޓަރުގެ އިރުޝާދާ ހިލާފަށް ކަމަށް އެޗްއާރުސީއެމްއިން ބުނެފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދުން ޖަލު ބަންދަން ކަރެކްޝަންސް އިން ބަދަލު ކޮށްފައިވަނީ ޑޮކްޓަރު ދީފައިވާ އިރުޝާދާއި ހިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އަދީބުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އެޗްއާރްސީއެމް އިން އާންމު ކޮށްފައިވާ ބަޔާނެއްގައި ވަނީ އެ ކޮމިޝަނަަށް އަދީބުގެ ސިއްހީ ހާލަތާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކުރެވޭ ކަންކަން ބަޔާންކޮށްފަ އެވެ. އެގޮތުން އައިޖީއެމްއެޗްގެ ޙާއްސަ ޑޮކްޓަރަކު އަދީބު ހޯމްލީ އެންވައިރޮމެންޓެއްގައި ދެ މަސްދުވަހު ބެހެއްޓުމަށް ލަފާދީފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ލަފަޔާއި އެއްގޮތަށް ކަރެކްޝަންސްއިން އަމަލުކޮށްފައިނުވާ ކަމަށެވެ.

އެމައްސަލައާއި ގުޅިގެން އައިޖީއެމްއެޗާއި، އަދީބު ބެއްލެވި ޑޮކްޓަރުންނާއި، ކަރެކްޝަންސް ސާވިސަސްއިން އެކޮމިޝަނަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޑޮކްޓަރުގެ ލަފަޔާއި އެއްގޮތަށް އަމަލު ކުރުމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ ހުކުމް ތަންފީޒު ކުރާމީހުން އަމަލު ކުރަންޖެހޭ މެޑިކަލް ގަވައިދުގައި ޑޮކްޓަރަކު ދީފައިވާ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަކީ ކަރެކްޝަންސްގެ ޒިންމާއެއް ކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފަ އެވެ.