ހަބަރު

އެޗްއާރްސީއެމްއިން ވަނީ އަދީބު ގެއަށް ބަދަލުކުރަން އަންގާފަ: އާއިލާ

ޖިނާއީ ބޮޑެތި ކުށްތަކެއް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ގެއަށް ބަދަލު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރްސީއެމް އިން މޯލްޑިވްްސް ކަރެކްޝަނަލް ސާވިސްއަށް އަންގާފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ "އަވަސް" އަށް ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން އެޗްއާރްސީއެމް އިން ގުޅައި އަދީބު ގެއަށް ބަދަލު ކުރަން ކަރެކްޝަނަށް އަންގާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އިއްޔެ ވެސް އެޗްއާރްސީއެމުން ގުޅައި ކަރެކްޝަނުން އަދީބު ގެއަށް ބަދަލު ކުރަން މަސައްކަތް ކުރައްވާތޯ ސުވާލު ކޮށްފައިވާ ކަމަށްވެސް ނަޝްވާ ވިދާޅުވި އެވެ.

ނަޝްވާ ވިދާޅުވީ، ކަރެކްޝަންސްއިން ވެސް ވަނީ އެޗްއާރްސީއެމްއިން އަދީބު ގެއަށް ބަދަލުކުރަން އެންގި ކަމަށް ބުނެފަ ކަމަށާއި ނަމަވެސް ވަކިގޮތެއް ނުނިންމަވާ ކަމަށް ކަރެކްޝަންސްއިން ބުނެފައިވާ ކަމަށެވެ. މިހާތަނަށް އާއިރުވެސް އަދީބު ގެއަށް ބަދަލުކުރަން ކަރެކްޝަންސްއިން އެއްވެސް ކަމެއް ނުކުރާ ކަމަށް ނަޝްވާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްއިން ބުނީ، އެފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި އެޗްއާރްސީއެމުން ބުނީ، ބަލަމުންދާ މައްސަލައަކަށްވާތީ އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.

އަދީބު ގެއަށް ބަދަލު ކުރަން އަންގާފައިވާއިރު، މިދިޔަ ހޯމަ ދުވަހު ވަނީ އައިޖީއެމްއެޗްގައި އޭނާ އެޑްމިޓްކޮށް އޮޕަރޭޝަނެއް ކޮށްފަ އެވެ. އޮޕަރޭޝަން ކޮށްފައިވަނީ އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަތައް ނެގުމަށެވެ.

އަދީބު ބޭސްފަރުވާ އަށް ބޭރަށް ފޮނުވުމަށްވެސް ސިޔާސީ ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި، އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫނާއި މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދާއި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބުރާހީމް ފަލާހުވެސް ވަނީ ބޭސްފަރުވާއަށް އަދީބު ބޭރަށް ފޮނުވުމަށް ގޮވާލާފަ އެވެ.