ހަބަރު

އިމްރާންގެ ޓުވީޓްގެ މައްސަލަ ބަލައިދޭން ނަޝްވާ އެޗްއާރުސީއެމްގައި އެދިއްޖެ

ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ކުރައްވާފައިވާ ޓުވީޓެއްގެ މައްސަލަ ބަލައިދޭން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އެޗްއާރުސީއެމްގައި އެދިއްޖެ އެވެ.

ނަޝްވާ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އަދީބު ގޭ ބަންދަށް ބަދަލު ކުރެވުނު މުއްދަތު ހަމަވުމުގެ ކުރިން ކުއްލި ގޮތަކަށް ޖަލަށް ގެންދިޔަ މައްސަލައާއި، އަދީބު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ތާރީހުގެ ކުރިން ދީފައިވާ ލިއުމެއްގެ މައްޗަށް ބިނާކޮށް ހޯމް މިނިސްޓަރު އިމްރާން ކުރި ޓުވީޓްގެ މައްސަލަ ބަލައިދޭން އެޗްއާރުސީއެމްގައި އެދިފައިވާނެ ކަމަށެވެ.

އަދީބު ބޭސް ފަރުވާއަށް ގޭބަންދުގައި ހުންނަވަނިކޮށް ރޭ ވަނީ އަބުރާ ޖަލަށް ގެންގޮސްފަ އެވެ. އެކަމާއި ގުޅިގެން ހޯމް މިނިސްޓަރު ޝައިހް އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އަދީބު ދެމަސްދުވަހުގެ މުއްދަތަކަށް "ހޯމްލީ އެންވަރަނމެންޓް" އަކަށް ބަދަލު ކުރަން ޑޮކްޓަރު ލަފާދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވީ ދުވަހު ކަމަށާއި ޑިސެމްބަރު 24 ގައި އެ މުއްދަތު ހަމަވެ، މުއްދަތު އިތުރު ކުރަން ޑޮކްޓަރު ލަފާދީފައިނުވާ ކަމަށެވެ.

ސިއްހީ ހާލުކޮޅު ގޯސްވެ އަދީބު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ވަނީ ސާޖަރީއެއްވެސް ހަދާފައެވެ. އަދީބުގެ ގިނަ ސިއްހީ މައްސަލަތަކެއް ހުރިކަން އަދީބުގެ އާއިލާއާއި، ގާނޫނީ ވަކީލުން އަންނަނީ ފާހަގަ ކުރަމުންނެވެ. އަދީބު ގެއަށް ބަދަލުކޮށްފައިވަނީ ސިއްހަތު ގޮސްވެ ފަރުވާދީ އޮޕަރޭޝަނެއް ކުރުމަށް ފަހު އެވެ.

އަދީބުގެ މައްޗަށް ދައުލަތުން ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލާފައިވާ އިރު، ޖިނާއީ ދައުވާތަކަކާއި، ހިޔާނާތުގެ ދައުވާއެއް ސާބިތުވެ އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފިޒު ކުރައްވަމުންނެވެ.