ވިޔަފާރި

ވަރަށް ތަފާތު: މޯލްޑިވް ގޭސް ފުޅިއަށް ފައިސާ ދައްކަން އުރީދޫ އެމް-ފައިސާ!

Aug 11, 2018

އުރީދޫގެ އެމް-ފައިސާ ހިދުމަތް މެދުވެރިކޮށް، މޯލްޑިވް ގޭސް ފުޅި އޯޑާކޮށް، ފަސޭހަކަމާއި އެކު ފައިސާ ދެއްކެވޭ ނިޒާމެއް އުރީދޫ މޯލްޑިވްސް އާއި މޯލްޑިވް ގޭސް ގުޅިގެން ތައާރަފްކޮށްފި އެވެ.

ބޭނުންކުރަން ފަސޭހަ މި ހިދުމަތް ތައާރަފްކޮށްފައިވަނީ، މޯލްޑިވް ގޭސްގެ ޗެއާޕާސަން، އަހުމަދު ޝިފާން، އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރ އަބްދުﷲ މައުމޫން އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން އާއި ދެ ކުންފުނީގެ މުވައްޒަފުންގެ ބައިވެރިވެރިވެގެން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

މި ހިދުމަތާއެކު، އުރީދޫ އެމް-ފައިސާ އެޕް މެދުވެރިކޮށް މިހާރު ފަސޭހަކަމާއި އެކު، ކޮންމެ ތާކު ތިބެގެންވެސް މޯލްޑިވް ގޭސްގެ ހިދުމަތްތަކަށް އޯޑަރު ކުރެވޭނެ އެވެ. އަދި މި އެޕް މެދުވެރިކޮށް، ގޭސް ފުޅިތަކަށް ފައިސާ ދެއްކެވޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ހާން އުރީދޫ އިން ރާއްޖޭގައި ހޭދަކޮށްފައިވާ ތޭރަ އަހަރު ތެރޭގައި، އަޅުގަނޑުމެން ވަނީ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި، ފުދުންތެރިކަން ގެނެސްދިނުމަށްޓަކައި ގިނަ އިންވެސްޓްމަންޓުތަކެއް ކޮށްފައިވާ ކަމަށެވެ.

"މޯލްޑިވް ގޭސް އާއި ގުޅިގެން ފެށުނު ތަފާތު ޚިދުމަތުގެ ސަބަބުން، ގޭސްފުޅި އަށް އޯޑަރު ކޮށް، ފައިސާ ދެއްކުމުގައި ފަސޭހަތަކެއް ލިބޭނެކަމަށް ޔަގީން ކުރަން. ހަމައެހެންމެ އަޅުގަނޑުމެން އިތުރަށްވެސް މަސައްކަތް ކުރަމުންދާނީ، މިފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރަން ޖެހޭ ތަފާތު އެކި ޚިދުމަތްތައް ހޯއްދެވުން ޑިޖިޓަލްކޮށް، އިތުރަށް ފަސޭހަކޮށްދިނުމަށް،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި މިއަދުން ފެށިގެން މޯލްޑިވް ގޭސްގެ ބިލްތައް ހިމެނެއެވެ.އެމް-ފައިސާ އެޕް މެދުވެރިކޮށް ރެޖިސްޓަރ ކޮށްގެން، މި ފަސޭހަ ޚިދުމަތްތައް ވަގުތުން ބޭނުން ކުރަން ފެށޭނެއެވެ. މި އެޕް ޑައުންލޯޑު ކުރެއްވުމަށް، ore.do/mm އަށް ޒިޔާރަތް ކުރައްވާށެވެ. ހަމައެހެންމެ، އެމް-ފައިސާ ޚިދުމަތާއި ބެހޭ އިތުރު މައުލޫމާތް ހޯއްދެވުމަށް، އުރީދޫ ވެބްސައިޓް (www.ooredoo.mv/mfaisaa) އިން ލިބޭނެ އެވެ.