ދުނިޔެ

ނަތީޖާ އޮޅުވާލިކަމަށް ބުނެ ޒިމްބާބުވޭގެ އިދިކޮޅުން ކޯޓަށް

Aug 11, 2018

ހަރާރޭ (އޯގަސްޓް 10) - ޒިމްބާބުވޭގެ ރިޔާސީ އިންތިހާބު މިހާރު ވެސް ވެރިކަމުގައި ހުންނެވި އެމާސަން ނަންގަގްވާ ކާމިޔާބު ކުރައްވައިފި ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވީ ނަމަވެސް، އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އިދިކޮޅު ކެންޑިޑޭޓު ނެލްސަން ޗަމީސާގެ އެމްޑީސީ ޕާޓީން އެގައުމުގެ ދުސްތޫރީ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ނަންގަގްވާގެ ޒަނޫއެފް-ޕީ އަށް އިންތިހާބު ކާމިޔާބުވާ ގޮތަށް ވޯޓު އޮޅުވާލާފައިވާ ކަމަށެވެ.

ރަސްމީ ނަތީޖާ ދައްކާގޮތުން، އެގައުމުގައި 37 އަހަރު ވެރިކަން ކުރެއްވުމަަށް ފަހު މިދިޔަ އަހަރު ފަހުކޮޅު މަގާމު ދޫކޮށްލެއްވި ރޮބަޓް މުގާބޭ ނެތި ބޭއްވުނު ރިޔާސީ އިންތިހާބު މިހާރު ވެރިކަމުގައި ހުންނެވި އަދި ކުރީގެ ނައިބު ރައީސް ނަންގަގްވާ އަށް 50.8 ޕަސަންޓު ވޯޓު ވަނީ ލިބިވަޑައިގަންނަވާފަ އެވެ. ޗަމީސާ އަށް ލިބިވަޑައިގަތީ 44.3 ޕަސަންޓު ވޯޓެވެ. ނަންގަގުވާއަށް 50 ޕަސަންޓަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިވާތީ، ދެވަނަ ބުރަކަށް ދާކަށް ނުޖެހުނެވެ.

މި މައްސަލާގައި 14 ދުވަސް ތެރޭގައި ކޯޓުން ގޮތެއް ނިންމަންޖެހޭއިރު، ނަންގަގްވާ ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ވެސް މަޑުޖައްސާލާފަ އެވެ.

އާ ރައީސަކު އިންތިހާބު ކުރުމުގެ އިތުރުން، މަޖިލީހާއި ކައުންސިލަށް މެމްބަރުން ހޮވުމަށްވެސް މިދިޔަ ހޯމަ ދުވަހު ވަނީ ވޯޓުލާފަ އެވެ. މަޖިލީސް އިންތިހާބުގެ ނަތީޖާ ބުރާސްފަތި ދުވަހު އިއުލާނުކޮށްފައިވާ އިރު، ވެރިކަންކުރާ ޒަނޫއެފްޕީ އަށް ވަނީ ތަނަވަސް އަގުލަބިއްޔަތެއް ލިބިފަ އެވެ. މަޖިލީހުގެ 210 ދެ ގޮނޑީގެ ތެރެއިން ޒަނޫއެފްޕީ އަށް 145 ގޮނޑި ލިބިފައިވާއިރު، އެމްޑީސީ އިސްވެ އޮތް އިދިކޮޅު އިއްތިހާދަށް ލިބިފައިވަނީ އެންމެ 63 ގޮނޑި އެވެ.