ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ސިޔާސީ ފަރާތްތަކާއި ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ފަރާތްތައް އަދިވެސް ރީރެޖިސްޓާ ނުވާ ކަމަށް އިދިކޮޅުން ބުނެފި އެވެ.
ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ފެކްޝަންގެ ސެކްޓްރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ، މާފުށީ ޖަލުގައި ފޯމް ފުރިތާ އެއްމަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް ޖަލުގެ ގައިދީންނާއި ރައީސް މައުމޫނާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ އިތުރުން ސިޔާސީ ކުށްވެރިން ރެޖިސްޓާނުވާ ކަމަށެވެ.
އަލީމް ވިދާޅުވީ، އިލެކްޝަން ކޮމިޝަނަށް ފޯމްތައް ހުށަހެޅިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ކޮރެކްޝަނުންވެސް ބުނެފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެއްވެސް ފަރާތެއް ރީރެޖިސްޓާވެފައިނުވާ ކަމަށް އަލީމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން އެގޮތަށް ބުނެފައިވާއިރު، އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ރެއާ ހަމަޔަށް 86،000 ފޯމް ހުށަހަޅާފައިވާ އިރު ވަކިވަކިން ހުށަހަޅާ ފޯމްތައް ވަކިވަކިން ވަގުތުން ރެޖިސްޓާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ގަނޑުކޮށް އަންނަ ފޯމްތައް ރީ ރަޖިސްޓާ ކުރުމުގައި ވަގުތުތަކެއް ހޭދަވަމުން އަންނަ ކަމަށާއި އެގޮތުން މިދިޔަ ދެ ދުވަހެއްގެ ތެރޭގައި ވެސް 30،000 އަކަށް ފޯމް ހުށަހަޅާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި ހުރިހާ ފޯމެއް ރަޖިސްޓާކުރުމަށް ތިނެއް ނުވަތަ ހަތަރު ދުވަސް ހޭދަ ވާނެ ކަމަށާއި ނަމަވެސް އެ ކޮމިޝަނަށް ފޯމްއެއް ހުށަހެޅިއްޖެ ނަމަ އެ ފަރާތެއް ރެޖިސްޓާކޮށްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"ބަލްކުކޮށް ހުށަހެޅޭ ފޯމްތައް ރަޖިސްޓާ ކުރުމަށް ވަގުތު އެބަ ހޭދަވޭ، އަޅުގަނޑުމެން މި ޔަގީން ކުރަނީ އިރާދަކުރެއްވީއާ ތިނެއް ނޫނީ ހަތަރު ދުވަސް ތެރޭގައި ހުރިހާ ފޯމެއް ރަޖިސްޓާކޮށް ނިންމާލެވޭނެ ކަަމަށް،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ މިރޭގެ ނިޔަލަށް ލިބޭ ހުރިހާ ފޯމްތައް އެންޓާ ކުރުމަށް ފަހު އޭގެ ތެރެއިން މައްސަލަތައް އުޅޭ ފޯމްތަކާއި ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން ބާތިލުވާ ފޯމުތައް އަލުން ރަޖިސްޓާ ކުރުމަށް ފުރުސަތު ދޭނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.