އާބާދީގެ ގޮތުން ބޮޑު އަތޮޅެއް ކަމަށްވާ ހދ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ފުރާވަޑައިގެންފި އެވެ.
ހދ. އަތޮލުގައި މީހުން ދިރިއުޅޭ 13 ރަށް އޮވެ އެވެ. އައްޑޫ ސިޓީ ނަގާފަ ދެން އެންމެ އާބާދީ ބޮޑު އަތޮޅަކީ ހދ. އަތޮޅެވެ. މި މަހުގެ މޭ މަހުގެ ނިޔަލަށް ހދ. އަތޮޅުގެ އާބާދީއަކީ 27،271 މީހުންނެވެ.
ހަނިމާދޫ އެއާޕޯޓަށް މިއަދު އިބޫ ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ދަތުރު ކުރައްވާނީ ނޮޅިވަރަމްފަރަށެވެ. އެއަށްފަހު ހިރިމަރަދޫ، ނެއްލައިދޫ، ނާވައިދޫ އަދި މަކުނުދޫއަށް މިއަދު އިބޫ ވަޑައިގަންނާވާނެ އެވެ. މަކުނުދޫގައި މިރޭ އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
މާދަމާ ގިނަ ރަށްތަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު މާދަމާ ރޭ ބޮޑު ޖަލްސާއެއް އަތޮޅު ވެރިކަން ކުރާ ރަށް، ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ތިން ދުވަހުގެ ދަތުރު އަންގާރަ ދުވަހު އިބޫ ނިންމަވާލައްވާނީ ހދ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށްފަހު އެވެ.
ކެންޑިޑޭޓެއްގެ ގޮތުގައި ނޮމިނޭޓްވީ ހިސާބުން އިބޫ އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީ އަދި ފުވައްމުލަކަށެވެ. ކެންޑިޑޭޓެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުން ރަސްމީކޮށް ބަލައިގެންފަހުން އެންމެ ފުރަތަމަ ވަޑައިގެންނެވީ ބ. އަތޮޅަށެވެ. އެ އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން ތ. އަދި ލ. އަތޮޅަށް މިދިޔަ ހަފުތާ ވަޑައިގެންނެވި އެވެ. ހަތަރު ދުވަހުން ދެ އަތޮޅުގެ 20 ރަށަށް އިބޫ ވަޑައިގެންނެވި އެވެ.
މީގެކުރިން ކެންޑިޑޭޓްގެ ގޮތުގައި ތިން އަތޮޅަކަށް އިބޫ ވަޑައިގެންފައިވާއިރު ހދ. އަތޮޅަކީ އިބޫ ހުރިހާ ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ އަތޮޅެވެ.
ހދ. އަތޮޅުގައި އިންތިހާބީ ހަ ދާއިރާއިން ހަ މަޖިލިސް މެންބަރުން ތިއްބަވާއިރު ކުރިން އެ މެންބަރުންގެ މެޖޯރިޓީ އޮތީ ސަރުކާރު ކޯލިޝަންގަ އެވެ. ނަމަވެސް އަދާލަތު ޕާޓީ ސަރުކާރު ކޯލިޝަނުން ވަކިވެ ޕީޕީއެމާއި އެމްޑީއޭއިން މެންބަރުން އިދިކޮޅަށް ދިޔުމާއެކު މިހާރު ހަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންނަކީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނެވެ.
އެއީ އެމްޑީޕީއަށް ނިސްބަތްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އާއި ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީއަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައިމާއި ރައީސް މައުމޫނަށް ތާއިދު ކުރައްވާ މިހާރު އަމިއްލަ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް އަދި އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އެވެ. ސަރުކާރަށް ހިންގާ ޕީޕީއެމްގައި ހުންނެވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެކަންޏެވެ.