ހަބަރު

ހދ. ގެ 13 ރަށަށް އިބޫ ތިން ދުވަހުން: ގިނަ ވައުދުތަކެއް!

ހދ. ހަނިމާދޫއިން: ނާޒިމް ހަސަން
Aug 14, 2018
2

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާބާދީ ބޮޑު ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަކަށް ތިން ދުވަހުން ވަޑައިގެންފި އެވެ. އިބޫ މިހާރު ވަނީ ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފަ އެވެ.

ހދ.ގެ ދަތުރު އިބޫ ފެއްޓެވީ އާދިއްތަ ދުވަހު އެވެ. ހަނިމާދޫ އެއާޕޯޓަށް ވަޑައިގެންނެވުމަށްފަހު އިބޫ އެ ދުވަހު އެންމެ ފުރަތަމަ ވަޑައިގެންނެވީ ނޮޅިވަރަމްފަރަށެވެ. އެއަށްފަހު ހިރިމަރަދޫ، ނެއްލައިދޫ، ނާވައިދޫ އަދި މަކުނުދޫއަށް އިބޫ ވަޑައިގެންނެވި އެވެ.
އެ ދުވަހުގެ ފަހު މަންޒިލެއްގެ ގޮތުގައި މަކުނުދޫއަށް ވަޑައިގެން ބޮޑު ވައުދެއް އިބޫ ވެވަޑައިގެންނެވި އެވެ. މަކުނުދޫއަށް މަތިން ދަތުރު ކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އިބޫ ދެއްވި އެވެ.

އިބޫ ވިދާޅުވީ، މަކުނުދޫގެ ސަރަހައްދަކީ އޭނާގެ ވެރިކަމެއްގައި ހާއްސަ ޕްލޭނެއްގެ ދަށުން ތަރައްގީ ކުރައްވާނެ ސަރަހަައްދެއް ކަމަށެވެ. އޭގެ ތަފްސީލް އާންމު ކުރައްވާނެ ކަމަށެވެ. އިބޫ ވިދާޅުވީ، އެ ޕްލޭންގެ ދަށުން މަކުނުދޫއަށް އެންމެ ރަނގަޅީ އަދި ފައިދާ ބޮޑު ވާނީ އެއާޕޯޓެއްތޯ ނޫނީ ސީޕްލޭން ބޭސްއެއްތޯ ދިރާސާ ކުރައްވާނެ ކަމަށެވެ.

"ހަމަ ވައުދެއްވާން ވައުދެއްވާ ބައެއް ނޫން މިއީ، ސީދާ ކަނޑައެޅިގެން މިވެނި ކަމެކޭ މި ނުބުނީ އެހެންވެ، ދިރާސާއެއް ކުރަންޖެހޭނީ، އެންމެ ފަސޭހައިން މިތާ ބޭނުން ކުރެވޭނީ ސީޕްލޭންތޯ އެއާޕޯޓްތޯ ބަލާ، އެންމެ ފަސޭހަ ގޮތް ހޯދައިދޭނަން،" އިބޫ ވިދާޅުވި އެވެ.

ހޯމަ ދުވަހު އިބޫ އެންމެ ފުރަތަމަ ވަޑައިގެންނެވީ ނޭކުރެންދޫއަށެވެ. އެއަށްފަހު ވައިކަރަދޫ، ކުމުންދޫ، ކިރިނބީ އަދި ކުޅުދުއްފުއްޓަށް ވަޑައިގެންނެވި އެވެ. ކުޅުދުއްފުއްޓަކީ އިބޫ މިހާތަނަށް އެންމެ ގިނަ ވައުދުތަކެއްވެވަޑައިގެންނެވި ރަށެވެ. އިބޫ ވަނީ ކުޅުދުއްފުށި ސިޓީއަކަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ. އިބޫ ވިދާޅުވީ، ކުޅުދުއްފުށި ތަރައްގީ ކުރައްވާނީ އާބަން ސެންޓަރެއްގެ ގޮތުގަ ކަމަށެވެ.

އާ ގިނަ މަޝްރޫއުތަކާއި ހިދުމަތްތައް ކުޅުދުއްފުށީގައި ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވުމަށްފަހު އިބޫ ވަނީ މިހާރު ކުޅުދުއްފުށީގައި ކުރިއަށްދާ އެއާޕޯޓްގެ މަޝްރޫއު ހުއްޓާނުލައްވާނެ ކަމަށާއި އެ އެއާޕޯޓަކީ ފައިދާ ވާނެ އެއާޕޯޓަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެއިތުރުން އިތުރު މަގުތައް ހައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ކުޅުދުއްފުށީގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެންމެންނަށް އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. ގޯތި ދެވޭވަރު ބިން ހުރިނަމަ ގޯތި ދޫކޮށް، ގިނަ ދުވަހުން ފައިސާ ދައްކާ މިލްކްކުރާ ގޮތަށް ފްލެޓް ދޫކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އިންޓަނޭޝަނަލް ޕޯޓް ތަރައްގީކޮށް އާ ހިދުމަތްތަކާއި ޓެކްސް އާއި ޑިއުޓީ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ކުލުދުއްފުށީގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުޅުދުއްފުށިން މިއަދު ހެނދުނު އިބޫ ވަޑައިގެންނެވީ ކައިރީގައި އޮތް ނޮޅިވަރަމަށެވެ. ނޮޅިވަރަމުން ފިނޭއަށް ވަޑައިގެންނެވި އެވެ. އެ ރަށުގެ ރައްޔިތުން އިބޫއަށް ތައްޔާރުކުރި މަލާމަތަކުން ކެއުން ބެއްލެވުމަށްފަހު އިބޫ ދެން ވަޑައިގެންނެވީ ހަނިމާދޫއަށެވެ. ހަނިމާދޫގައި ވެސް އިބޫ ވަނީ ވައުދުތަކެއްވެވަޑައިގެންފަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް ވެސް މިއަދު ވައުދުވެވަޑައިގެންފަ އެވެ. އަދި ހދ. އަތޮޅަށް ފަތުރުވެރިކަން ފުޅާ ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ރިސޯޓް ތަރައްގީ ކުރަން އިންވެސްޓަރުން ހޯދައި މިހާރު ނުހެދި ހުރި ރަށްތަކަށް ފައިނޭންސް ލިބޭނެ ގޮތް ވެސް ހައްދަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ތޭރަ ރަށަކަށް އިބޫ ވަޑައިގެންނެވިއިރު އެ ރަށްތަކުގެ ތެރެއިން ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމްވެފައިނުވާ ރަށްތަކުގައި އެކަން ގާއިމް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބަނދަރު މަރާމާތުކުރަންޖެހޭ ރަށްތަކުގައި އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކައުންސިލްތަކަށް ބާރުދީގެން ޖަޒީރާވަންތަކަން މަތީ ރާއްޖެ ތަރައްގީކުރުމަށް ކަމަށެވެ. އަދި ފަސޭހަ ދަތުރުފަތުރުކުރުމުގެ ނިޒާމެއް ވެސް ހދ. އަތޮޅުގައި ގާއިމްކޮށް އަވަސް އަދި އަގުހެޔޮ ފެރީ ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.