ހަބަރު

އެއާޕޯޓް ނުހުއްޓުވާނަން، ކުޅުދުއްފުށި ސިޓީއަކަށް ވެސް ހަދާނަން: އިބޫ

ހދ. ކުޅުދުއްފުށިން: ނާޒިމް ހަސަން
Aug 13, 2018
10

ގުޅިފައިވާ ޕާޓީތަކެއްގެ ސަރުކާރުގައި އުތުރުގައި އޮތް އެންމެ އާބާދީ ބޮޑު ރަށް، ހދ. ކުޅުދުއްފުށި ސިޓީއަކަށް ހައްދަވާނެ ކަމަށް އެ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިރޭ ވިދާޅުވެއްޖެ އެވެ.

މިހާރު ރާއްޖޭގައި އޮންނަނީ ތިން ސިޓީއެކެވެ. މާލެ އާއި އައްޑޫ ސިޓީއަކަށް ހެދީ އެމްޑީޕީގެ ވެރިކަމުގަ އެވެ. ފުވައްމުލައް ސިޓީިއަށް ހަދާފައިވަނީ މި ސަރުކާރުންނެވެ. ސިޓީއެއްގެ ދަރަޖަ ދެނީ ވަކި ހިދުމަތްތަކެއް ލިބެން ހުންނަ އާބާދީގެ ގޮތުން 10،000 މީހުން އުޅޭ ރަށްރަށެވެ. ކުޅުދުއްފުށީގައި މިހާރު 9،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.

ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ގާއިމް ކުރައްވަން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް އާބަން ސެންޓަރަކީ ކުޅުދުއްފުށި ކަމަށެވެ. ކުޅުދުއްފުށީގެ ތަރަރއްގީއަށް އެމްޑީޕީއިން ޕްލޭނެއް ގެންގުޅުނު ކަމަށާއި އެ ޕްލޭންގެ ދަށުން އަލުން ކުޅުދުއްފުށި ތަރައްގީ ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާ ގިނަ މަޝްރޫއުތަކާއި ހިދުމަތްތައް ކުޅުދުއްފުށީގައި ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވުމަށްފަހު އިބޫ ވަނީ ކުޅުދުއްފުށި ސިޓީއަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ވައުދާއެކު ޖަލްސާގެ ބައިވެރިންގެ ފަރާތުން ހޫނު ތަރުހީބެއް އިބޫއަށް އަމާޒު ކުރި އެވެ.

އިބޫ ވިދާޅުވީ، ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ އެންމެ މުހިންމު މަޝްރޫއަކީ އެއާޕޯޓްގެ މަޝްރޫއު ކަމަށާއި އެއާޕޯޓަކީ ކުޅުދުއްފުށީ ރައްޔިތުން ބޭނުންވާ ކަމެއްކަން ދިރާސާތަކުން ދައްކާ ކަމަށެވެ. އެހެންވެ މިހާރު ފަށާފައިވާ އެއާޕޯޓްގެ މަސައްކަތް ނުހުއްޓުވާނެ ކަމަށެވެ. ނަމަވެސް އޭނާގެ ސަރުކާރެއްގައި އެ އެއާޕޯޓްގެ މަސައްކަތް ނިންމައި އޭގެން ފައިދާ ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ހިނގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާނަން، ބޭރުގެ ފަރާތްތަކާއެކު އެއްބަސްވެގެން ކުރިއަށްދާ މަޝްރޫއުތައް ވެސް ދައުލަތުގެ ބަޖެޓުން ހަރަދުކުރާ މަޝްރޫއެއް ވެސް ހުއްޓައެއް ނުލާނެ، އެހެންނަމަވެސް އުސޫލުން ބޭރުން ކޮށްފައިވާ އެއްބަސްވުންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ކުޅުދުއްފުށީގެ 18 މަގެއް ތަރައްގީކުރުމުގެ ޕްލޭނަކީ އެމްޑީޕީގެ ޕްލޭނެއް ކަމަށާއި މި ސަރުކާރުން މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނީ އެ ޕްލޭންގެ ދަށުން ކަމަށެވެ. ނަމަވެސް އެކަން އެންމެ ރަނގަޅު ފެންވަރެއްގައި ނުކުރާކަން އިބޫ ފާހަގަކުރެއްވި އެވެ. ނަމަވެސް އިދިކޮޅުގެ ސަރުކާރެއްގައި ކުޅުދުއްފުށީގެ އިތުރު މަގުތަކެއް ތަރައްގީކުރުމަށް ޕްލޭން ހައްދަވާނެ ކަމަށެވެ.

މިހާރު ކުޅުދުއްފުއްޓަށް އެންމެ ބޮޑު އުނދަގުލަކަށްވެފައިވަނީ ބޯހިޔާވަހިކަން ނުލިބުން ކަމަށާއި އެކަން އޭނާގެ ސަރުކާރެއްގައި ހައްލުކޮށްދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ، ކުޅުދުއްފުށީގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެންމެންނަށް އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. ގޯތި ދެވޭވަރު ބިން ހުރިނަމަ ގޯތި ދޫކޮށް، ގިނަ ދުވަހުން ފައިސާ ދައްކާ މިލްކްކުރާ ގޮތަށް ފްލެޓް ދޫކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ކުޅުދުއްފުށީގައި އެމްޑީޕީގެ ސަރުކާރުން ހިއްކާފައިވާ ސަރަހައްދުގައި ވިޔަފާރި ބަނދަރެއް ހެދުމުގެ ޕްލޭން އޮންނާނެ ކަމަށާއި އެ ޕްލޭންއާ އެއްގޮތަށް އެ ސަރަހައްދުގައި ބަނދަރެއް ގާއިމް ކުރައްވާނެ ކަމަށެވެ. އެއީ މި ސަރުކާރުން ވެސް ވެފައިވާ ވައުދެކެވެ. ނަމަވެސް މިހާތަނަށް އޭގެ އަމަލީ މަސައްކަތް ނުފެށެ އެވެ.

ކުޅުދުއްފުށީގައި އިންޓަނޭޝަނަލް ޕޯޓް ތަރައްގީކޮށް އާ ހިދުމަތްތަކާއި ޓެކްސް އާއި ޑިއުޓީ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ކުލުދުއްފުށީގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރައްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ، މި އަތޮޅަކީ ޓޫރިޒަމް ފުޅާކުރަން ވަރަށް ބޮޑަށް ޖެހިފައިވާ އަތޮޅެއް ކަމަށާއި އޭނާގެ ސަރުކާރެއްގައި އެކަން ކުރައްވާނެ ކަމަށެވެ. އެގޮތުން އަތޮޅުގައި ރިސޯޓްތައް ހެދުމަށް އިންވެސްޓަރުން ހޯދައި ރިސޯޓްތައް ހުޅުވާނެ ގޮތް ހައްދަވާނެ ކަމަށެވެ. އަދި ޓޫރިޒަމް ޕްރޮމޯޓްކުރަން ބަޖެޓް ތިން ގުނަ އިތުރު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން ތައާރަފްކުރި ފެރީގެ ނިޒާމް މިހާރު އެއްކޮށްހެން އުވިފައިވާކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ފެރީ ނިޒާމް އަލުން ހަރުދަނާކޮށް އަވަސްކޮށް ހަލުވި ކުރައްވާނެ ކަމަށެވެ. އޭގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެ ގޮތަށް މީރާ ބަދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެފަދަ ވިޔަފާރިތަކަށް ހާއްސަކޮށް ބޭންކެއް ގާއިމް ކުރައްވާނެ ކަމަށާއި އެ ބޭންކުން އަންހެނުންނާއި ޒުވާނުންނާއި ޓެކްނޮލޮޖީއާ ގުޅޭ ވިޔަފާރިތަކަށް އެހީ ލިބިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އިދިކޮޅުގެ ވިސްނުން ހުރީ ރަށްތަށް ޖަޒީރާވަންތަކަން މަތީ ތަރައްގީކުރުމަށް ކަމަށާއި ކައުންސިލްތަކަށް ބާރުދީގެން ކައުންސިލް މެދުވެރިކޮށް ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުގެ މަތިން ކުޅުދުއްފުށީ ކައުންސިލަށް ވެސް އެ ބާރުތައް ދީގެން ކުރިއަށް ދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ޓެކްސީ ޑްރައިވަރުންނަށް ވެސް އިބޫ މިރޭ ވަނީ އުފާވެރި ހަބަރެއް ދެއްވާފަ އެވެ. އެގޮތުން ޓެކްސީ ބޯޑު ގަތުމުގެ ފީގެ ގޮތުގައި ދައްކަންޖެހޭ 50،000 ރުފިޔާ އެއްކޮށް ކަނޑާލައްވާނެ ކަމަށް ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.