ކުޅިވަރު

ސިޓީއާ ދެކޮޅަށް އާސެނަލް އޮތީ ވަރުގަދަ ރޫހެއްގައި

ޕްރިމިއާ ލީގްގައި އާސެނަލްގެ ކޯޗް އުނައި އެމެރީ ފުރަތަމަ މެޗަށް މިއަދު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނިކުންނާނެ އެވެ. އޭނާ ބުނީ އޭނާގެ ފުރަތަމަ މެޗަށް ޓީމު އޮތީ ވަރުގަދަ ރޫހެއްގައި ކަމަށެވެ.

މިދިޔަ 20 އަހަރު، އާސެނަލް އަށް ކޯޗު ކޮށްދިން ފްރާންސްގެ އާސެން ވެންގާ އާސެނަލް ދޫކޮށްލުމުން އެ ޓީމުން ކޯޗަކަށް ގެނައި އެމެރީ އަކީ ސެވިއްޔާ އާއި ޕީއެސްޖީގައި ކާމިޔާބު ހޯދައިދީފައިވާ ކޯޗެކެވެ.

ޕެޕް ގާޑިއޯލާގެ ސިޓީން ވަނީ މިދިޔަ ސީޒަންގައި ތިން ފަހަރަށް އާސެނަލް ބަލިކޮށްފަ އެވެ. ނަމަވެސް އެމެރީ ބުނީ ފުރަތަމަ މެޗުގައި ސީޓީއާ ދެކޮޅަށް އާސެނަލްގެ ސްކޮޑު އޮތީ ރަނގަޅު ރޫހެއްގައި ކަމަށެވެ.

"އަހަރެމެން މިތީބީ ހިތްހަމަ ޖެހިގެން، އެންމެ ފަހުގެ ޗެމްޕިއަން ޓީމާ ދެކޮޅަށް ރަނގަޅު ރޫހެއްގައި ލީގް ފަށަށް އަހަރެމެން މިތިބީ ވަރަށް ބޮޑު އުންމީދެއްގައި، މިސީޒަން ރަނގަޅަށް ފަށަން އެ މެޗަކީ ރަނގަޅު މެޗެއް،" ރާއްޖޭ ގަޑިން މިރޭ 8:00 ގައި ކުޅޭ މެޗާ ބެހޭގޮތުން އެމެރީ ބުންޏެވެ.

"އަހަރެމެންގެ ފެންވަރު ދަނޑުމަތީގައި ދައްކަން ޖެހޭނެ، އެންމެ ފުރަތަމަ ކަމަކަށް އަހަރެމެން ބޭނުމީ އާސެނަލްގެ ސަޕޯޓަރުންނާއެކު ތިބެން، އެކަމުގެ ސަބަބުން އަހަރެމެންގެ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ކުޅެން ބޮޑު ހިތްވަރެއް ލިބިގެންދާނެ، އަހަރެމެން ބޭނުން ކޮންމެ ސަޕޯޓަރެއްގެ އެހީތެރިކަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނިކުތުމުގެ ކުރިން ކުޅުންތެރިންނަށް ހިތްވަރު ދޭން."

އެމެރީ ބުނީ ދެ އަހަރު ވަންދެން ގާޑިއޯލާ ސިޓީގައި މަސައްކަތް ކުރުމުން އެ ޓީމު ވަރަށް ވަރުގަދަ ވެފައިވާ ކަމަށެވެ. ގާޑިއޯލާއަކީ އޭނާ ކޯޗު ކޯށްދޭ ޓީމަކަށް އޭނާ ސްޓައިލް ވަރުގަދައަށް ތަންފީޒު ކުރާ ކޯޗެއްކަން އެމެރީ ފާހަގަ ކުރި އެވެ.