ޓެކްނޯލޮޖީ

މިޔުޒިކަލީގެ ނަން "ޓިކް ޓޮކް"އަށް ބަދަލުކޮށްފި

ރާއްޖޭގައިވެސް މިހާރު ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ މަޝްހޫރު ވީޑިއޯ ސޯޝަލް ނެޓްވޯކް "މިއުޒިކަލީ" ގެ ނަން "ޓިކް ޓޮކް" އަށް ބަދަލުކޮށް ރީބްރޭންޑުކޮށްފި އެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސް އިން މިދިޔަ އަހަރު ނޮވެމްބަރު މަހުގައި ތައާރަފުކުރި މި އެޕްލިކޭޝަންގެ ނަމާއެކު ލޯގޯވެސް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލުތައް އައި ނަމަވެސް ކުރިން މިއުޒިކަލީގައި ބޭނުންކުރި އެކައުންޓުތައް މި އާ އެޕްލިކޭޝަންގައިވެސް ބޭނުންކުރެވޭނެ އެވެ.

އެޕްލިކޭޝަންގެ އިންޓަފޭސްއަށް އެއްކޮށް ބަދަލުގެނައި ނަމަވެސް ކުރީގައި ބޭނުންކުރަމުން އައި ފީޗާތަކަށް ބަދަލު ގެނެސްފައެއް ނުވެ އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްހޫރުވެގެން އައި "މިއުޒިކަލީ"، މަހެއްގެ މައްޗަށް ބޭނުންކުރާ އެކްޓީވް ޔޫސަރުންގެ އަދަދު މިހާރު އުޅެނީ 100 މިލިއަންގަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އައިއޯއެސް ބޭނުންކުރާ މީހުން އެންމެ ގިނައިން ޑައުންލޯޑުކުރި އެޕްލިކޭޝަންއަކީވެސް މި އެވެ.