ޑާކް ރެއިން އެންޓަޓެއިންމަންޓުން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކޮމެޑީ ފިލްމު "މާމުއި" ގެ ޝޫޓިން ރޯދަ މަހަށް މެދުކަނޑާލުމަށްފަހު އަނެއްކާ މިހާރު ވަނީ ފަށާފަ އެވެ. ޝޫޓިން އަލުން ފެށުމާއެކު ޑާކް ރެއިން އެންމެ ފުރަތަމަ ތައާރަފުކޮށްދިނީ މި ފިލްމުގައި ހިމެނޭ ކާސްޓުން ކުޅޭ ރޯލުތަކުގެ ނަންތަކެވެ.
ވަރަށް ތަފާތު ނަންތަކަކާއެކު ކާސްޓުންގެ ނަންތައް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. މި ނަންތަކުން ބެލުންތެރިން ހެއްވާލިއިރު، ޑާކް ރެއިން ވަނީ މީގެ ކުރިން ރޮމޭންޓިކް ކޮމެޑީ ފިލްމުތައްވެސް ގެނެސްދީ ބެލުންތެރިން ހެއްވާލަފަ އެވެ.
ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި ފެނިގެންދާނެ ތަރިންނަކީ ޖުމައްޔިލް ނިމާލް، އިސްމާއީލް ޖުމައިހް، މަރިޔަމް މަޖުދާ، މަރިޔަމް އައްޒަ، ޝީލާ ނަޖީބު، އަލީ ޝަޒްލީމް، އިބްރާހިމް އަމާން ހުސެން، މާރިއާ ތްރޭސާ، ހަމްދާން ފާރޫގް، އަހްމަދު ސުނީ، އައިޝަތު ޔާދާ، ނުޒުހަތު ޝުއައިބު، މަރިއްޔާ ތެރެއްސާ، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު (ފުބޫ)، އާދަމް ރިޒްވީ، އައިމިނަތު ނޫރާ، އަދި އަހްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ.
ހާއްސަ ފެނިލުމަކުން މި ފިލްމުގައި ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއިލް ވަޖީހުވެސް ފެނިގެންދާނެ އެވެ. ވަޖީހު ފެނިގެންދާނެ މަންޒަރު ވަނީ ރޯދައިގެ ކުރިން ޝޫޓުކޮށް ނިންމާފަ އެވެ.
މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ތައުފީގު ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓުކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ސްކްރީންޕްލޭ ތައްޔާރުކުރީ އައިޝަތު އާއި އަހްމަދު ތޮލާލް އެވެ. އަދި ސިނެމަޓޯގްރާފީގެ މަސައްކަތްކުރަނީ ޗިއްޕެއާއެކު އަހްމަދު ޝިނާން އެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ އަހަރު އޭޕްރީލް މަހު އެކެއްގަ އެވެ.