މިއުޒިކް

ރާއްޖެ ތަމްސީލުކުރަން ސައިނާ ޗައިނާގައި

ޗައިނާގައި މިހާރު ކުރިއަށްދާ ކަލްޗުރަލް ސިންގިން ފެސްޓިވަލް "ސިލްކް ރޯޑް ޔަންގް ފެސްޓިވަލް" ގައި، މޯލްޑިވިއަން އައިޑޮލްއިން ވިދާލި ލަވަކިޔުންތެރިޔާ އައިޝަތު ސައިނާ މުހައްމަދު ރަޝީދު ޕާފޯމްކޮށްފި އެވެ.

ޗައިނާގެ ބެއިޖިންގައި މިހާރު ކުރިއަށްދާ މި ފެސްޓިވަލުގައި ސައިނާ ތަމްސީލުކުރަނީ ދިވެހިރާއްޖެ އެވެ. މި މަހު 11 އިން 14 އަށް ކުރިއަށްގެންދާ މި ފެސްޓިވަލަކީ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލުގައި 27 ގައުމަކުން ބައިވެރިވި އެވެ. ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ސަގާފަތް ދައްކުވައިދޭ ލަވައެއް ހުށަހަޅަންޖެހެ އެވެ. މިއީ އަދި މި ފެސްޓިވަލު ބޭއްވި ފުރަތަމަ ފަހަރުވެސްމެ އެވެ.

ސައިނާގެ މެނޭޖަރު، ނޫރިޝް "އަވަސް" އަށް މައުލޫމާތު ދެމުން ބުނީ، އިއްޔެ ބޭއްވި ރިހާސަލްގައި ސައިނާ ލަވަކީލެއް ރީތިވުމުމާއެކު އެ ފެސްޓިވަލު އިންތިޒާމުކުރާ ކޮމެޓީގެ ފަރާތުން ސައިނާއަށް އެވޯޑު ހަފްލާގައި ފާފޯމްކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

"އެވޯޑު ހަފްލާގައި ފަސް ކުދިން ހުށަހަޅާ ޗައިނީޒް ލަވާގައި ބައިވެރިވުމުގެ ފުރުސަތުވެސް ސައިނާއަށް ވަނީ ލިބިފަ، ހުރިހާ ގައުމަކުން ޕާފޯމްކޮށް ނިމުނީމަ އެވޯޑު ހަފްލާ ބާއްވާނީ މާދަމާ ނޫނީ އޭގެ އަނެއް ދުވަހު،" ނޫރިޝް ބުންޏެވެ.