ވިޔަފާރި

ވިޔަފާރި ފައިދާގެ ޓެކުހުގެ އާމްދަނީ 43 ޕަސެންޓް މައްޗަށް

Aug 13, 2018

ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް، ނުވަތަ ބީޕީޓީ މިދިޔަ މަހު ވަރަށް ބޮޑުތަން ވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން ބުނީ މިދިޔަ މަހު އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީ ކަމަށެވެ. ބީޕީޓީގެ އާމްދަނީ 43.9 ޕަސެންޓް ނުވަތަ 934.50 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

މިދިޔަ މަހު މީރާ އަށް 2.1 ބިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ދެ ޕަސެންޓް އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އެއް ޕަސެންޓް އިތުރު އަދަދެކެވެ.

"ދެހާސް ސަތާރަ ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ 2017 ވަނަ އަހަރުގެ ބީޕީޓީ ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ބަންދު ދުވަހަކާއި ގުޅިގެން އެކެއް ޖުލައި 2018 އަށް ސުންގަޑި ފަސްކުރެވިފައިވު މެވެ،" މީރާއިން ބުނެފައިވެ އެވެ.

ބީޕީޓީ ފިޔަވައި، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސްޓީއިންނެވެ. އެއީ 24.4 ޕަސެންޓް ނުވަތަ 519.13 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 16.4 ޕަސެންޓް ނުވަތަ 348.21 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި (105.32 މިލިއަން ރުފިޔާ ނުވަތަ %4.9)، ގްރީން ޓެކްސްގެ ގޮތުގައި (44.03 މިލިއަން ރުފިޔާ ނުވަތަ 2.1 ޕަސެންޓް ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ (177.60 މިލިއަން ރުފިޔާ ނުވަތަ 8.3 ޕަސެންޓް ) ހިމެނެ އެވެ.