އީދު ފާހަގަ ކުރުން

މިފަހަރު އީދު ޗުއްޓީއަށް ޖައްސާލަންވީ މި ރަށްރަށަށް!

ބޮޑު އީދާއެކު ކުރިއަށް މި އޮތީ ބޮޑު ޗުއްޓީއެކެވެ. ޗުއްޓީގެ އީދެކެވެ. ގާތްގަނޑަކަށް ދިހަ ދުވަހުގެ ހެޔޮވަރުގެ ޗުއްޓީއެކެވެ. އެއް ބަޔަކު ފޮށި ބަނދެގެން މިހާރު ތަންތަނަށް ފުރަންވެސް ފުރައިފި އެވެ. އަނެއް ބަޔަކު ފޮށި ބަނދެ ފުރަން ތައްޔާރު ވަނީ އެވެ. އަދި ދާނެ ދިމާލެއް ޔަގީނުވެފައި ތިބި މީހުންވެސް ގިނަ އެވެ.

އެކަމަކު ޔަގީންވާ އެއް ކަމެއް އެބައޮތެވެ. އެއީ އަދިވެސް ދިވެހިންނަށް އީދު ޗުއްޓީ ހޭދަކޮށްލަން އެންމެ ކަމުދަނީ އަތޮޅުތެރޭ ރަށެކެވެ. ރަށެއްގައި ނޫނީ އަސްލު އީދު ފޯރި އާއި އީދާއެކު އެ ލިބޭ ހިތްހަމަޖެހުން ނުލިބޭނެތީ އެވެ. މިފަހަރުވެސް ބޮޑު އީދާއި ދިމާކޮށް އެކި ރަށްރަށުން ފޯރިގަދަ ހަރަކާތްތަކެއް ރޭވިފައި އަބަހުއްޓެވެ.

މިފަހަރު އީދު ޗުއްޓީ ހޭދަކޮށްލަން ދާން ރަނގަޅުވާނެ ތިން ރަށަކަށް ބަލާލުން ކިހިނެއްވާނެ ހެއްޔެވެ؟

އެންމެ ބޮޑު އީދު ވެލިދޫއަށް

އެންމެ ފޯރިގަދަވާނީ ނ. ވެލިދޫގަ އެވެ. ބޮޑު އީދާއެކު މި ރަށަށް އައިޑޮލްގެ އީދެއްވެސް އަންނަނީ އެވެ. މޯލްޑިވިއަން އައިޑޮލްއިން ވިދާލި އެތައް ލަވަކިޔުންތެރިން މިފަހަރުު ވެލިދޫގައި ޝޯތައް ދޭނެ އެވެ. އޭގެ ތެރޭގައި ޝަލަބީ އިބްރާހިމް، މަރިޔަމް މައީޝާ، ހަސަން ޝަހުދާން، ހަސަން އިރުފާން (ޒަކިއްޓެ) އަދި އަހްމަދު ޝަމްވީލް (ބަރޯ) ހިމެނެ އެވެ.

ފަސް ދުވަހަށް ދެމިގެންދާ ހަރަކާތްތައް ހޮސްޓުކޮށްދޭނީ އައިޑޮލްގެ ފޭވަރިޓް ހޮސްޓު މޫސާ ވަސީމް އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) ވެސް ބައިވެރިވާނެ އެވެ. މީގެ އިތުރުން މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ އަބްދުﷲ މުއާޒް، ޖުމައިހު، މަރިޔަމް އައްޒަ އަދި ފިލްމު "ނިވައިރޯޅި" ޓީމުގެ ހަރަކާތްތައްވެސް އޮންނާނެ އެވެ.

ސަގާފީ ތަފާތު ކުޅިވަރުތައް ކަމުގައިވާ ބޮޑު މަސް ބޭނުމާއި، ކޯޑި ކެނޑުމާއި ދަފިނެގުމާއި ދެލިމާލިފަދަ ހަރަކާތްތައްވެސް އޮންނާނެ އެވެ. އެ ރަށުގައި އީދު ހަރަކާތްތައް ހިންގާ ކޮމެޓީން ބުނީ އީދަށް އެ ރަށަށް ހާހަކަށްވުރެ ގިނަ މީހުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މާލެއާއި އެންމެ ގާތުން މާފުށި

މާފުއްޓަކީ ކޮންމެ އީދެއްގައިވެސް ފޯރިގަދަ ރަށެވެ. މާލެއިން ފުރައިގެން ގާތްގަނޑަށް ގަޑިއިރަކުން ފެރީއެއްގައި ދެވޭ މާފުށީގައި މިފަހަރުވެސް ފޯރިގަދަ ހަރަކާތްތަކެއް އޮންނާނެވެ. ދެލިމާލިއާއި ކޯޑި ކެނޑުމާއި ފަންކުޅުމާއި ތިން މުގޯލި ކުޅުމާއި ވޯޓާ ސްޕޯޓްސް އަދި މަސްރޭހާއި އީދު ހަތަރު ރޭގައި ސްޓޭޖު ޝޯތައްވެސް އޮންނާނެ އެވެ.

މަޝްހޫރު ބޮޑުބެރު ގްރޫޕް 1438 ބޮޑުބެރު ގުރޫޕްއާއި ވާންޗޯ ބޭންޑާއި މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ ޓައިޓަލް ގެންދިޔަ އެ ރަށު މުހައްމަދު ތަސްނީމް (ބޮބް) ގެ ބޭންޑުންވެސް ޝޯ ދޭނެ އެވެ. އީދު ހޭދަކޮށްލުމުގެ އިތުރަށް ހިތް ހަމަޖައްސާލަން މާލެ ކައިރި ރަށަކަށް ދާން ބޭނުންވާ މީހުންނަށް މިއީ ކަމުދާނެ ރަށެކެވެ.

އެންމެ ފޯރީގައި ކޯޑި ކެނޑުން ހުޅުދުއްފާރުގައި

ރ. ހުޅުދުއްފަހަރަށް އީދު ފާހަގަކޮށްލަން ދާންވި ދެ ސަބަބެއް އެބަ އޮތެވެ. އީދުގައި ކޯޑި ކެނޑުމަކީ މި ރަށުގައި ވަރަށް ފޯރީގައި އަދި ވަރަށް ސަގާފީކޮށް ކުރަމުން އަންނަ ކަމެކެވެ. އެންމެ ކުރީގައިވެސް ކޯޑި ކަނޑާ އުޅުނު ގޮތަށް މިހާރުވެސް މި ރަށުގައި އަންނަނީ އެކަން ކުރަމުންނެވެ. ކޯޑި ކުޅުމަށް އެ ރަށުގައި ވަކި ސަރަހައްދެއްވެސް އޮވެ އެވެ. ކޯޑީގެ އިތުރުން ބިލެއްދަފި ނެގުމާއި ދޫނި ދުއްވުމާއި އަދި ބޮޑުބެރާއެކު ތަފާތު އެކި ސަގާފީ ހަރާކާތްތައްވެސް އޮވެ އެވެ.

އީދު ކުޅިވަރުތަކުގެ އިތުރަށް މި ރަށަކީ ރާއްޖޭގެ އެންމެ ރީތި ރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ރަށެކެވެ. މި ރަށުގެ ބޮޑުމަގުގައި ދެކޮޅަށް އޮންނަ ރުއްގަސްތަކާއި ހިތްގައިމު ތުނޑިއަކީ ހަމަ މަރެކެވެ. އަދި މި ރަށް ކައިރީގައި އޮންނަ ހުރާ ގަނޑު ކިޔާ ކުޑަ ފަޅު ރަށަކީވެސް ރީތި ތަނެކެވެ. ހިކިފައި އޮންނަ ދުވަސްވަރު އެ ރަށަށް ހިނގާލާފައިވެސްދެވެ އެވެ. މި ތަންތަން ބާލާން އެކަނިވެސް މި ޗުއްޓީގައި މި ރަށް ގޮސްލުން ރަނގަޅުވާނެ އެވެ.