ހުރިގާ ގޮތަކުން ތަފާތު ރޯދަ މަހެއް އަހަރުމެނާ ވަކިވެގެން މިއޮއް ދަނީ އެވެ. ކޮރޯނާ ވައިރަހުގެ ބަލިމަޑު ކަމާހެދި އެންމެން ގޭ ބަންދުވާން ޖެހުމުން އާއިލީ ރޯދަ ވީއްލުމެއް ވެސް ތަރާވީހެއް ވެސް ނުބޭއްވި އެވެ. ދެން މި އަންނީ އީދެވެ.
ފިތުރު އީދު ދުވަހުގެ ހެނދުނު އީދު ސަޔާއި މެންދުރުގެ ބޮޑު ކެއުން ވެސް މި ފަހަރު ކާން މި ޖެހެނީ ކޮންމެ އާއިލާއެއް ވަކީންނެވެ. އެއްފުރާޅެއްގެ ދަށުގައި އެކި އެކި ފްލޯތަކުގައި ދިރިއުޅޭ މީހުން ވެސް އެއް ފްލޯއިން އަނެއް ފްލޯއަށް ވެސް ދިއުން އެދެވިގެން ނުވާތީ ތަށިބަރިއެއް ވެސް ފޮނުވާލެވޭކަށް ނެތެވެ.
ނަމަވެސް އީދު ދުވަހުގެ ހާއްސަކަން ފާހަގަ ކޮށްލަން ގޭބިސީގައި ދިރިއުޅޭ މީސްކޮޅު އެއްސުފުރާގައި ކާލަން ހާއްސަ އެއްޗެހިތަކެއް ތައްޔާރު ކޮށްލާނެ ކަން ޔަގީނެވެ.
ކުކުޅާއި ގެރި މަސް ބޭނުން ކޮށްގެން ތައްޔާރުކުރާ ތަފާތު ބާވަތްތަކާއި ފޮނި ކާތަކެތީގެ އިތުރުން ކޮންމެވެސް ވައްތަރެއްގެ ބުއިމެއް ތައްޔާރު ކޮށްނުލައި އީދު ދުވަހުގެ މެންދުރުގެ ކެއުން ފުރިހަމަ ވެސް ނުވާނެ އެވެ. ކުރިމަތީ އީދު އޮތީމައާއެކު މި އޮތީ އީދު ދުވަހުގެ ސުފުރާމަތި ހެޔޮވަރު ކޮށްލުމަށް ތައްޔާރު ކޮށްލެވިދާނެ ދެ ބާވަތެއްގެ ރެސިޕީއެކެވެ. ޓްރައިކޮށްލާށެވެ.
މެންގޯ ސާގު ޖެލީ
1 - 2 އަނބު
2 - ކްރީމް މިލްކް (2 މޭޒުމަތީ ސަމްސާ)
3 - ޖެލީ ޕައުޑާ (މެންގޯ ފްލެވާ)
4 - 3 ޖޯޑު ފެން (ސާގުކޮޅު ކައްކާލުމަށް)
5 - 3/1 ޖޯޑު ސާގު
6 - 1 ޖޯޑު އެވަޕޮރޭޓެޑް މިލްކް
7 - ގެރި ކިރު (ފޮނިރަހަ ލައްވަން ބޭނުންވާ ވަރަކަށް)
ތޮށި މަށާ، އަނބު ކޮށާލައި ކްރީމް މިލްކާއެކު މިކްސަރަށް އަޅާ ސްމޫތީއަށް ވަންދެން ގިރާލާށެވެ. އެއަށްފަހު ޖެލީގަނޑު ތައްޔާރު ކޮށްލުމަށް ތައްޓަކަށް ހޫނު ފެން އަޅައި ޖެލީ ޕައުޑާއާ އެ ތައްޓަށް އަޅާ އެއްކޮށްލާށެވެ. ރަނގަޅަށް އެކުވުމުން ފަސް ވަރަކަށް މިނެޓު ބަހައްޓާލުމަށް ފަހު އިތުރު 15 މިނެޓަށް އައިސް އަލަމާރިއަށް ލާށެވެ. -- ޖެލީގަނޑު ރަނގަޅަށް ތައްޔާރުވުމުން ކުދިކުދި ކިއުބްސް ގޮތަށް ފޮތި ޖަހާލަން ވާނެ އެވެ.
ތެއްޔަކަށް ތިން ޖޯޑު ފެން އަޅާލާށެވެ. ފެން ހޫނުވެ ބޮކިޖަހަށް ފެށުމުން ސާގުކޮޅު އެއަށް އަޅާލުމަށް ފަހު 10 ވަރަކަށް މިނެޓު ވަންދެން ކައްކާލާށެވެ. ސާގުކޮޅު ކެކުމުން އޭގެ ފެންގަނޑު ނެގުމަށް ފަހު ސާގުކޮޅު ވަކިކޮށް އަލުން އާދައިގެން ފެނުގައި ދޮވެލައި އަނެއްކާ އެ ފެންގަނޑު ވެސް ވަކިކޮށްލާފައި ބަހައްޓާށެވެ.
ތައްޓެއްގައި އެވޮޕޮރޭޓެޑް މިލްކާ ގެރިކިރު އެއްކޮށްލާށެވެ. އެއަށްފަހު ފުރަތަމަ މިކްސަރުގައި ތައްޔާރު ކޮށްލި މެންގޯ ސުމޫތީ އިން އެތިކޮޅެއް ތައްޓަކަށް އަޅާލާށެވެ. ދެން އޭގެ މައްޗަށް ސާގު އަދި ޖެލީ ކޮޅެއް އަޅާލުމަށް ފަހު އެވޮޕޮރޭޓެޑް މިލްކް އަދި ގެރިކިރު މިކްސް ތައްޓަށް އަޅާށެވެ. ފިނިކޮށްލުމުން މި ބުއިން އިތުރަށް މީރުވާނެ އެވެ.
ބީފް ބައިން ކަރީ
1 - 1 ކިލޯ ބީފް
2 - 4 ފިޔާ (ބޮޑު)
3 - 2 ދިގު މިރުސް
4 - 2 ޓޮމާޓޯ
5 - ހިކަނދި ފަތް
6 - 1 ސައި ސަމްސާ ބޮޑު ދިރި
7 - 1 މޭޒުމަތީ ސަމްސާ ޖިންޖަރ ގާލިކް ޕޭސްޓް
8 - އަސޭ މިރުސް ޕައުޑާ
9 - ގަރަމް މަސާލާ
10 - ޗިލީ ޕައުޑާ
11 - ކޮރިއެންޑަ ޕައުޑާ
12 - ރީދޫ ޕައުޑާ
13 - ލޮނު
14 - ތެޔޮ
ބީފް ކޮޅު ކޮށާލައި ރަނގަޅަށް ދޮވެލާށެވެ. 4/1 ސައި ސަމްސާ ރީނދޫ، 1 ސައި ސަމްސާ ޗިލީ ޕައުޑާ، 2/1 ސައިސަމްސާ ގަރަމް މަސާލާ، 1 ސައި ސަމްސާ ކޮރިއެންޑާ ޕައުޑާ 2/1 މޭޒުމަތީ ސަމްސާ ޖިންޖާ ގާލިކް ޕޭސްޓާއި ކުޑަލޮނު ކޮޅެއް، ކޮށާލާފައި ހުރި ބީފްކޮޅާ އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު ފަސް ވަރަކަށް މިނެޓު ވަންދެން ބީފްކޮޅު، މަތިޖަހާލާފައި ބަހައްޓާލާށެވެ. އެއަށްފަހު ބީފްކޮޅު މަޑުކޮށްލަން އުދާށެވެ. މަޑުކުރަން އުދާއިރު އިތުރަށް ފެން ނޭޅިޔަސް އޯކޭވާނެ އެވެ. މަތި ޖަހާލައިގެން ކައްކާއިރު އެއިން ނުކުންނަ ފެނުން ބީފްކޮޅު މަޑުވާނެ އެވެ. އެ ފެން ހިނދެންދެން ކައްކާލުމުން ހުންނާނީ ރަނގަޅަށް ބީފް މަޑުވެފަ އެވެ.
ތެއްޔަކަށް ތެޔޮފޮދު އެޅުމަށްފަހު ހޫނުވުމުން ފިޔާކޮޅު އަޅާ ކުޑަކޮށް މިލުމުން ހިކަނދި ފަތް، 2/1 މޭޒުމަތީ ސަމްސާ ޖިންޖާ ގާލިކް ޕޭސްޓް، މިރުސް އަދި ޓޮމާޓޯކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޗިލީ ޕައުޑާ، ކޮރިއެންޑާ ޕައުޑާ، ރީނދޫ ޕައުޑާ، ގަރަމް މަސާލާ އަދި އަސޭމިރުސް ޕައުޑާ، މީން ކޮންމެ ވައްތަރަކުން 2/1 މޭޒުމަތީ ސަމްސާ އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އޭގެ ތެރެއަށް ބޮޑު ދިރިކޮޅު އެޅުމަށް ފަހު ކުޑަ ފެންފޮދެއް އަޅައި ހަވާދުކޮޅު ރޯ ފިލަން ދެން ކައްކާލާށެވެ.
ކުރިން މަޑުކޮށްފައި ހުރި ބީފްކޮޅާއި ރޯފިލުވައިލެވުނު ހަވާދުގަނޑާ ރަނގަޅަށް އެއްކޮށްލައި އަނެއްކާ ވެސް ކުޑަ ފެންފޮދެއް އަޅައި މަތިޖަހާލުމަށް ފަހު 7 ނޫނީ 10 މިނެޓަށް ކައްކާލާށެވެ. ފެންފޮދު އެކީގައި ނުހިނދެނީސް އުދުން ނިވާލުމުން ހުންނާނީ ރަނގަޅަށެވެ.