ވިޔަފާރި

މާފަރު އެއާޕޯޓަށް މާދަމާ ޓެސްޓް ފްލައިޓު ޖައްސަނީ

Aug 13, 2018
3

ނ. މާފަރުގައި ހަދާ ފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް މާދަމާ ޓެސްޓް ފްލައިޓެއް ޖައްސަން ތައްޔާރު ވެއްޖެ އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް "އަވަސް" އަށް ވިދާޅުވީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށެވެ.

"އިރާދަކުރެވިއްޔާ މާދަމާ 2.15 އެހާއިރު ޓެސްޓް ފްލައިޓް ޖައްސާނެ،" ސާމީ ވިދާޅުވި އެވެ.

އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން ހަދާ މި އެއާޕޯޓް ނިމޭއިރު، އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެ އެވެ. އެ ރަށުގައި އަޅަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭ އެކެވެ. އަދި ރަންވޭ އާއެކު ހިތްގައިމު ޓާމިނަލް އަކާއި ވީއައިޕީ ލައުންޗެއް ވެސް އަޅާނެ އެވެ.

މާފަރު އެއާޕޯޓުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މާފަރު އެއާޕޯޓްގެ މަސައްކަތް މީގެ ހަތަރު ވަރަކަށް އަހަރުކުރިން ފެށި ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް އޮތީ މިހާތަނަށް ހުއްޓިފަ އެވެ. މި އެއާޕޯޓުގެ އިތުރުން ސަރުކާރުން ދަނީ އިތުރު އަށް އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ.