އޭޝިޔާގައި އޮތް ތިންވަނައަށް އެންމެ ބޮޑު ކަނޑޫފާ ކަމަށްވާ ހދ. ނޭކުރެންދޫގެ ކަނޑޫފާ ހިމާޔަތްކޮށް އެތަނުން ފައިދާ ހޯދޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.
އެއްހާހެއްހާ މީހުންގެ ރަޖިސްޓްރީއެއް އޮންނަ ނޭކުރެންދޫ ބޮޑު ސަރަހައްދެއްގައި ކަނޑޫފާ ހެދިފައިވާއިރު އެއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 10 ވަނަގައިވާ ކަނޑޫފާ އެވެ. އެ ކަނޑޫފާއަކީ މިހާރު ހިމާޔަތްކޮށްގެން ބެލެހެއްޓެމުންދާ ތަނެއް ނޫނެވެ. އަދި އެތަނުން ރަށަށް ލިބޭ ފައިދާއެއް ވެސް ނޯވެ އެވެ. އެ ރަށު މީހުން ކަނޑޫ ކަޑައިގެެން އާންމުކޮށް ކާން ބޭނުން ކުރެ އެވެ. އެއީ ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ.
ކަނޑޫފާއާ ގުޅޭ ގޮތުން އެ ރަށުގައި ހުންނަވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ނޭކުރެންދޫގައި ގެސްޓް ހައުސް ތައާރަފްކުރަން ދިރާސާ ހެދި ރަށެއް ކަމަށާއި އެ ސިޔާސަތުގެ ދަށުން 20 ވަނަ ރަށެއްގެ ގޮތުގައި ނޭކުރެންދޫ ކަނޑައެޅުން ކަމަށެވެ. ނަމަވެސް ދައުރު ހަމަނުވަނީސް ވެރިކަން ބަދަލުވުމާ ގުޅިގެން އެކަން ހުއްޓިގެން ދިޔައީ ކަމަށެވެ.
އިބޫ ވިދާޅުވީ، ގެސްޓް ހައުސް ތައާރަފްކޮށްގެން ކަނޑޫފާ ހިމާޔަތްކޮށް އެތަނުން ފައިދާ ހޯދާނެ ކަމަށެވެ. އެކަން އޭނާގެ ސަރުކާރެއްގައި ކުރައްވާނެ ކަމަށް ވެސް ވައުދުވެވަޑައިގަތެވެ. އޭގެއިތުރުން ގެސްޓް ހައުސްގެ ވިޔަފާރިއާއެކު ރަށަށް ވަޒީފާތައް އިތުރުވެގެންދާނެކަން ވެސް އިބޫ ފާހަގަކުރެއްވި އެވެ.
ވަޑިން ގިނަ ނޭކުރެންދޫގައި އިބޫ ވަނީ ވަޑިން ތަމްރީނު ކުރެވޭނެ ގޮތްތައް އެ ރަށުގައި ގާއިމް ކުރައްވާނެ ކަމަށް ވެސް ވައުދުވެވަަޑައިގެންފަ އެވެ. އިބޫ ވިދާޅުވީ އޭނާ ކޮށްދެއްވަން ބޭނުންވާ ކަންކަން ކުރެވޭނީ އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅަށް ވޯޓުދީ އިންތިހާބު ކާމިޔާބުކޮށްދީގެން ކަމަށެވެ. އެހެންވެ އެކަން ރައްޔިތުން ކޮށްދިނުމަށް އެދިވަޑައިގަތެވެ.
"މިއީ އެކީގަ ނުކުމެ މަސައްކަތް ކުރަންވީ ފަހަރު، އަގްލަބިއްޔަތު ލިބޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ދައްކަވަން، 23 ސެޕްޓެމްބަރު ވެގެން ދާނީ ތިޔަބޭފުޅުންގެ އުއްމީދުތަކަށް އަމަލީ ސިފަ ޖެހުމުގެ ފެށުން ކަމަށް، އުއްމީދުތައް ހާސިލްކުރަން ފަސް ނުޖެހި އަޅުގަނޑުމެން އެކީގަ ތިބޭނެ ވާހަކަ ދަންނަވަން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވަނީ އެ ރަށުގެ ރައްޔިތެއް ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސެކެރެޓްރީ ނަޖުމާއަށް މި ސަރުކާރުން އަނިޔާ
ދެމުންދާކަން ފާހަގަކުރައްވައި އޭނާއަށް ހިތްވަރު ދެއްވާފަ އެވެ. ނަޖުމާއަކީ އެކެއް ފެބުރުއަރީގެ އަމުރަށްފަހު ހައްޔަރުކޮށް ގޭބަންދުކޮށްފައިވާ މީހެކެވެ.