ހަބަރު

ވައިކަރަމުރައިދޫގައި ރިސޯޓެއް ހަދައިދޭން އިބޫއަށް ޕެޓިޝަނެއް

ވައިކަރަދޫއިން: ނާޒިމް ހަސަން
Aug 13, 2018
1

ފަތުރުވެރިކަމުގެ ފައިދާ ނުލިބޭ ހދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ވައިކަރަމުރައިދޫގައި ރިސޯޓް ހަދައިދިނުމަށް އެދި ވައިކަރަދޫ ރައްޔިތުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މިހާރު ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވައިކަރަމުރައިދުއަކީ ވައިކަރަދޫއާ ވަރަށް ކައިރީގަ އޮންނަ ރީތި ފަޅު ރަށެކެވެ. މިހާރު ދަނޑުވެރިކަމަށް ދޫކޮށްފައިވާ އެ ރަށް ރިސޯޓްގެ ތަރައްގީކުރުމަށް އަތޮޅުގެ ރައްޔިތުންނާއި އަތޮޅު ކައުންސިލުން އެކި ފަހަރު މަތިން ސަރުކާރަށް ހުށަހަޅާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި އަހުމަދު އަދީބު ހުންނެވިއިރު އެ ރަށުގައި ރިސޯޓް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ހާމަކޮށްފައިވެ އެވެ. ނަމަވެސް އޭގެފަހުން އަނެއްކާވެސް އެ ރަށް ވަނީ ދަނޑުވެރިކަމަށް ދޫކޮށްފަ އެވެ. ހދ. އަތޮޅުން މި ސަރުކާރުން ރިސޯޓް ހަދާނެ ރަށްތައް އާންމުކުރިއިރު ވެސް އެ ރަށް ހިމަނާފައެއް ނުވެ އެވެ.

ހދ. އަތޮޅުގައި ވަރަށް ފަހުން 50 އެނދުގެ ހޮނޑާފުށި ހުޅުވާފަ އެވެ. އޭގެއިތުރުން ނާގޮއްޓާއި ކުޑަމުރައިދޫ ރިސޯޓް ތަރައްގީކުރުމަށް ދޫކޮށްފައިވާތާ އެތައް އަހަރެއްވަނީވެފަ އެވެ.

ވައިކަރަދޫގައި ހުންނަވާ ވާހަކަ ދައްކަވަމުން އިބޫ މިއަދު ވިދާޅުވީ، ރިސޯޓަކީ މި އަތޮޅަށް އެންމެ ބޭނުންޖެހިފައިވާކަން ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެމްޑީޕީގެ ސިޔާސަތަކީ މުޅި ރާއްޖެއަށް ޓޫރިޒަމް ފަތުރާލުން ކަމަށާއި އެ ސިޔާސަތުގެ ދަށުން ހދ. އަތޮޅުގައި ވެސް ރިސޯޓްތައް ހަދާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް މިއަދު އިބޫ ނުދެއްވަ އެވެ.