ހަބަރު

ކުޅުދުއްފުށިން އިބޫއަށް ހޫނު މަރުހަބާއެއް ކިޔައިފި

ކުޅުދުއްފުށިން: ނާޒިމް ހަސަން
Aug 13, 2018
8

އުތުރުގެ އެންމެ އާބާދީ ބޮޑު ރަށް، ހދ. ކުޅުދުއްފުށިން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ. އިބޫ ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަދު އިރުއޮއްސެނިކޮށެވެ.

ކުޅުދުއްފުއްޓަށް އިބޫ ވަޑައިގަންނަވާތީ އެމްޑީޕީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރަށް ޖަމާވެފައި ތިއްބެވެ. އެމްޑީޕީގެ ދިދަ އާއި ރީނދޫ ކުލައިގެ ހެދުން ލައިގެން ކުޅުދުއްފުށީ ރައްޔިތުން އިބޫއަށް މަރުހަބާ ދެންނެވި އެވެ.

ކުލުދުއްފުއްޓަކީ އަބަދުވެސް އެމްޑީޕީގެ ތާއިިދު ބޮޑު ރަށެކެވެ. އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ގޮނޑިތައް ވެސް ކާމިޔާބުކުރީ އެމްޑީޕީއިންނެވެ.

އިބޫ މިއަދު ކުޅުދުއްފުއްޓަށް 5:45 ހާއިރު ވަޑައިގެންނެވިއިރު އެންމެންނާ ސަލާމްކޮށް ނިންމާލެވުނީ 6:15 ވަނިކޮށެވެ.

ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ފުރަތަމަ ފަހަރަށް ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާއިރު، މިރޭ އިދިކޮޅު ޕާޓީތަކުގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޖަލްސާގައި ކުޅުދުއްފުއްޓަށް އިބޫ ވައުދުތަކެއްވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.

މިއަދުގެ އެންމެ ފަހު ރަށުގެ ގޮތުގައި ކުޅުދުއްފުއްޓަށް އިބޫ ވަޑައިގެންފައިވާއިރު އޭގެ ކުރިން ނޭކުރެންދޫ، ވައިކަރަދޫ، ކުމުންދޫ އަދި ކުރިނބިއަށް އިބޫ ވަޑައިގެންނެވި އެވެ. އެ ރަށްރަށުގައި ވެސް އިބޫ ރަށްރަށަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.