ހަބަރު

ޓެކްސީ ބޯޑް ގަތުމުގެ ފީ އެއްކޮށް އުވާލާނަން: އިބޫ

ހދ. ކުޅުދުއްފުށިން: ނާޒިމް ހަސަން
Aug 13, 2018
1

ޓެކްސީ ބޯޑު ގަތުމުގެ ފީގެ ގޮތުގައި ދައްކަންޖެހޭ 50،000 ރުފިޔާ އެއްކޮށް ކަނޑާލައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިރޭ ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވަނީ ޓެކްސީ ޑްރަވަރުންނަށް ކުރިމަތިވާ ދަތިތައް ފާހަގަކުރައްވައި އެކަން ކަމަށް ހައްލު ހޯދައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޓެކްސީ ބޯޑް ގަތުމަށް 50،000 ރުފިޔާ ދައްކަން ޖެހުމަކީ ބޮޑު އަދަދެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ ފީ އެއްކޮށް އުވާލައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ ގިނަ ވައުދުތަކެއް ވެސް މިރޭ ވެވަޑައިގެންފަ އެވެ. އިބޫ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ތައާރަފްކުރި ފެރީގެ ނިޒާމް މިހާރު އެއްކޮށްހެން އުވިފައިވާކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ފެރީ ނިޒާމް އަލުން ހަރުދަނާކޮށް އަވަސްކޮށް ހަލުވި ކުރައްވާނެ ކަމަށެވެ. އޭގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެ ގޮތަށް މީރާ ބަދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެފަދަ ވިޔަފާރިތަކަށް ހާއްސަކޮށް ބޭންކެއް ގާއިމް ކުރައްވާނެ ކަމަށާއި އެ ބޭންކުން އަންހެނުންނާއި ޒުވާނުންނާއި ޓެކްނޮލޮޖީއާ ގުޅޭ ވިޔަފާރިތަކަށް އެހީ ލިބިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އިދިކޮޅުގެ ވިސްނުން ހުރީ ރަށްތަށް ޖަޒީރާވަންތަކަން މަތީ ތަރައްގީކުރުމަށް ކަމަށާއި ކައުންސިލްތަކަށް ބާރުދީގެން ކައުންސިލް މެދުވެރިކޮށް ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.