ދުނިޔެ

ވީގޫރު މުސްލިމުން ކޭމްޕުތަކުގައި ގެންގުޅޭ ތުހުމަތުތައް ޗައިނާ އިން ދޮގުކޮށްފި

Aug 14, 2018

ބެއިޖިންގް (އޯގަސްޓް 13) - ޗައިނާގައި ދިރިއުޅޭ އެއް މިލިއަން ވީގޫރު މުސްލިމުން ޓެރަރިޒަމް ކޮންޓްރޯލް ސެންޓަރުތަކުގައި ހިފަހައްޓައިގެން ގެންގުޅޭކަމުގެ ތުހުމަތުތައް އެ ގައުމުގެ ސަރުކާރުން ދޮގުކޮށްފި އެވެ.

ޗައިނާ އާއި ގުޅޭގޮތުން އދ. ގައި ބޭއްވުނު ބައްދަލުވުމެއްގައި ހުށަހެޅި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމުން، ޗައިނާ ސަރުކާރުން ގެންގުޅެނީ ކޭމްޕެއްގަ އެވެ.

ވީގޫރު މުސްލިމުންނަކީ ޗައިނާގެ ޝިންޖަންގް ޕްރޮވިންސްގައި ދިރިއުޅޭ ބަޔެކެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އާބާދީގެ 45 ޕަސަންޓަކީ ވީގޫރު މުސްލިމުން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޓެރަރިޒަމް ހުއްޓުވުމަށް ކަމަށް ބުނެ ވީގޫރު މުސްލިމުން ކޭމްޕުތަކުގައި ހިފަހައްޓައިގެން އެތަކެއް އަނިޔާއެއް ދެމުންގެންދާ ކަމަށް އިންސާނީ ހައްގުތަކާބެހޭ ޖަމާއަތްތަކުން ގެންދަނީ ބުނަމުންނެވެ.

އެ ތުހުމަތުތަކާއި ގުޅިގެން އދ. އަށް ޖަވާބުދާރިވަމުން، ޗައިނާ ސަރުކާރުގެ ވަފްދުން ބުނީ ވީގޫރު މުސްލިމުންގެ އެންމެހާ ހައްގުތައް ކަށަވަރުކޮށްދީފައިވާނެ ކަމަށާއި، ނަމަވެސް، ދީނީ ހަރުކަށި ވިސްނުމުގެ މީހުން، އެހެންތަނަކަށް ބަދަލުކޮށްގެން އެމީހުންގެ ވިސްނުމުގެ މަސައްކަތް ކުރާނެކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ޝިންޖަންގް ސަރަހައްދުގައި މަދުން ނަމަވެސް ހިނގަމުންދާ ހަމަނުޖެހުމުގެ ފަހަތުގައި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ތިބިކަމަށް ޗައިނާ ސަރުކާރުން ދަނީ ތުހުމަތު ކުރަމުންނެވެ.