ދުނިޔެ

މުސްލިމުންނަށް ދަތި ކުރާތީ ގިނަ ގައުމުތަކެއް ޗައިނާއާ ދެކޮޅު

Jul 11, 2019
1

ބެއިޖިންގް (ޖުލައި 11) - ޗައިނާގެ ޝިންޖަންގް ޕްރޮވިންސްގައި ދިރިއުޅޭ ވީގޫރު މުސްލިމުން ކޭމްޕުތަކުގައި ބަންދު ކޮށްގެން އުޅޭ މައްސަލާގައި ވިއްސަށްވުރެ ގިނަ ގައުމު ޗައިނާ ސަރުކާރާ ދެކޮޅަށް ތެދުވެއްޖެ އެވެ.

ރައީސް ޝީ ޖިންޕިންގެ ސަރުކާރުން ދަނީ ދީނީ ހަރުކަށިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ކަމަށް ބުނެ އެ ގައުމުގައި ދިރިއުޅޭ މުސްލިމުންގެ ހައްގުތައް ހަނި ކުރަމުންނެވެ. މިގޮތުން، ޗައިނާގެ ބައެއް ސަރަހައްދުތަކުގައި، ރޯދަ ހިފުމާއި، ތުނބުޅި ދިގު ކުރުމުގެ އިތުރުން، ނަމާދު ކުރުމާއި ބުރުގާ އެޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން، ޗައިނާގައި ދިރިއުޅޭ އެއް މިލިއަން ވީގޫރު މުސްލިމުން ޓެރަރިޒަމް ކޮންޓްރޯލް ސެންޓަރުތަކުގައި ހިފަހައްޓައިގެން ގެންގުޅޭ ކަމުގެ ތުހުމަތުތައް ކުރެ އެވެ.

ވީގޫރު މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައި 22 ގައުމެއްގެ ސަފީރުން ސޮއިކޮށް ވަނީ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެ ގައުމުތަކުގެ ތެރޭގައި ޖަޕާނާއި، އޮސްޓްރޭލިއާގެ އިތުރުން ޔޫރަޕުގެ ބައެއް ގައުމުތައް ކަމަށްވާ ފްރާންސް އަދި ޖާމަނީގެ އިތުރުން އިނގިރޭސިވިލާތް ހިމެނެ އެވެ.

ސިޓީގެ ބަދަލުގައި އދ. ގަރާރެއް ހުށާހަޅާނެކަމަށް އުއްމީދުކުރެވުނެވެ. ނަމަވެސް، އެ ސިޓީއަކީ ޗައިނާއާ ދެކޮޅަށް އެޅި ފުރަތަމަ ފިޔަވަޅުކަމަށާއި އެއްވެސް އިރެއްގައި ގަރާރެއް ހުށަހެޅުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް އެ ސިޓީގައި ސޮއި ކުރެއްވި ސަފީރެއް ވަނީ ވިދާޅުވެފަ އެވެ.

އެ ސިޓީގައި ސޮއި ކުރި ގައުމުތަކުން ވަނީ ވީގޫރު މުސްލިމުންގެ މައްސަލާގައި އިންސާނީ ހައުގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމްކުރުމަށް ޗައިނާ ސަރުކާރަށް ގޮވާލައިފަ އެވެ.

މިދިއަ ޖެނުއަރީ މަހު ޗައިނާގައި ދިރިއުޅޭ މުސްލިމުން އަމަލު ކުރަންޖެހޭ ގޮތްތައް ކަނޑައަޅާ ގަނޫނެއް ވެސް ސަރުކާރުން ވަނީ ފާސްކޮށްފަ އެވެ.

އެ ގާނޫނު ފާސްކޮށްފައިވަނީ، ޗައިނާގެ އަށް މުސްލިމު އެސޯސިއޭޝަނަކާއި ބައްދަލުކޮށް، ސޯޝަލިޒަމް އާއި އެއްގޮތްވާ ގޮތުގެ މަތިން، މުސްލިމުން "ގައިޑު" ކޮށްދިނުމަށް ސަރުކާރާއެކު އެއްބަސްވެފައިވާ ކަމަށް ބުނަމުންނެވެ.