ހަބަރު

އިބޫއަށް ފަސް އަހަރުގެ ދައުރެއް ދޭން ކޯލިޝަން ވަނީ އެއްބަސްވެފައި: ޖޭޕީ

Aug 14, 2018
5

އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުން އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ފަސް އަހަރުގެ ދައުރަކަށް އެއްބަސްވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން އެކަން ހާމަކޮށްފައިވަނީ އިބޫ ވެރިކަން ކުރައްވާނީ ދެ އަހާރާއި ބައިގެ ދައުުރެއްގައިތޯ ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް ސަރުކާރަށް ނިސްބަތްވާ އިސް ބޭފުޅުން ވިދާޅުވާން ފެއްޓެވުމާ ގުޅިގެންނެވެ. އެމްޑީޕީއިން އެންމެ ފުރަތަމަ މެނިފެސްޓޯ އާންމުކުރިއިރު އިބޫގެ ވެރިކަން ސިފަ ކޮށްފައި އޮތީ ދެ އަހަރާއި ބައިގެ އިންތިގާލީ ވެރިކަމެއްގެ ގޮތުގަ އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތުން ދޮޅު އަހަރަށް ދެމިގެންދާނެ ސަރުކާރަކަށް މި ސަރުކާރު ވާންޖެހޭނެ އެވެ. ދޮޅު އަހަރުގެ ތެރޭގައި ރައްޔިތުން އިތުބާރު ކުރާނެ މުއައްސަސާތަކަކަށް ހަދާނެ، އަދި ޕާޓީތައް ހިމެނޭ ކޯލިޝަންތަކަށް ގާނޫނީ ބާރުވެރިކަން ދޭނެ ކަމަށެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ފައްޔާޒު ވިދާޅުވީ، ކޯލިޝަނުން ވަނީ ފަސް އަހަރުގެ ދައުރަކަށް ވައުދުވެފަ ކަމަށާއި ދޮޅު އަހަރުވުމުން އިބޫ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި އެއްވެސް އިދިކޮޅު ލީޑަރެއްގެ ނުފޫޒެއް ވެސް އިބޫއަށް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސްއަކުން އިންތިހާބު ކުރަންޖެހޭނީ ފަސް އަހަރުގެ ދައުރަކަށެވެ.