ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށުން ލަސްވެގެން ދިޔައީ އިދިކޮޅު ފަރާތްތަކުން އެކަމަށސް ދެކޮޅު ހެދުމުގެ ސަބަބުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ 2013 ވަނަ އަހަރުވެވަޑައިގެންނެވި ވައުދެކެވެ.
އެހެންނަމަވެސް ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އޯގަސްޓް މަހަށް އެއާޕޯޓް ނިމޭނެ ކަމަށް ރައީސް ވިދާޅުވެފައިވީ ނަމަވެސް މިހާތަނަށް އެއާޕޯޓްގެ މުހިންމު އެއްވެސް މަސައްކަތެއް ނުނިމެ އެވެ.
ތ. ބުރުނީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅުދުއްފުށީގެ ޗަސްބިން ހިއްކުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑު އުފުލުމާ ގުޅިގެން އެއާޕޯޓް ފެށުމުގެ މަސައްކަތް ލަސްވެގެން ދިޔަ ކަމަށެވެ. ކުޅުދުއްފުށީގެ އެއާޕޯޓްގެ މަސައްކަތް ފެށީ ރައްޔިތުންނާއި ކައުންސިލުން އެކަމަށް އާނ ބަސް ބުނުމުން ކަމަށާއި އެއާޕޯޓެއް އެ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ޗަސްބިމެއް ހިއްކައިގެން އެއާޕޯޓެއް ނޭޅޭނެ ކަމަށް ބުނަމުން ދަނިކޮށް އެ މަސައްކަތް ކުރަން ފެށުމުން މިހާރު އިދިކޮޅު ފަރާތްތަކުން ވެސް އެތާ އެއާޕޯޓް އެޅޭނެކަން ގަބޫލުކުރާ ކަމަށެވެ. މިހާރު އެއާޕޯޓްގެ މަސައްކަތް ގޮސްފައިވާ ހިސާބަކީ އެ މަސައްކަތް ހުއްޓާލެވޭނެ ހިސާބެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޗަސްބިން ހިއްކާ އެއާޕޯޓްގެ ޓާމިނަލް އަޅާ ސަރަހައްދު ސާފުކޮށް އަދި އެތަން މޮބިލައިޒްކޮށް މަސައްކަތް ފެށީމަ މިހާރު ކުޅުދުއްފުށީގަ އެއާޕޯޓެއް އަޅާނެ ވާހަކަ އެ ބޭފުޅުން އެ ވިދާޅުވަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވީ، ރޭ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ކުޅުދުއްފުށީގެ އެއާޕޯޓްގެ މަސައްކަތް އޭނާގެ ވެރިކަމެއްގައި ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ. އިބޫ ރޭ ވިދާޅުވީ، ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ އެންމެ މުހިންމު މަޝްރޫއަކީ އެއާޕޯޓްގެ މަޝްރޫއު ކަމަށާއި އެއާޕޯޓަކީ ކުޅުދުއްފުށީ ރައްޔިތުން ބޭނުންވާ ކަމެއްކަން ދިރާސާތަކުން ދައްކާ ކަމަށެވެ. އެހެންވެ މިހާރު ފަށާފައިވާ އެއާޕޯޓްގެ މަސައްކަތް ނުހުއްޓުވާނެ ކަމަށެވެ. ނަމަވެސް އޭނާގެ ސަރުކާރެއްގައި އެ އެއާޕޯޓްގެ މަސައްކަތް ނިންމައި އޭގެން ފައިދާ ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މިއަދު އިބޫ ވަނީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
އެ އެއާޕޯޓްގެ މަސައްކަތް ކުރަނީ އެމްޓީސީސީއިންނެވެ. އެމްޓީސީސީއަށް ހަވާލުކޮށްގެން ކުޅުދުއްފުށީ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރު އެވެ. އެރަށުގައި އެއާޕޯޓް އަޅަން، 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. މި މަޝްރޫއު ސަރުކާރުން މި މަޝްރޫއުން ހަވާލުކޮށްފައިވަނީ 53.4 މިލިއަން ރުފިޔާ އަށެވެ. އަދި މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ 180 ދުވަހުންނެވެ.