ހަބަރު

ކޮޅިގަނޑެއްގައި ބަނޑިދޫގެ 5 ގެ ހަލާކުވެ ބޮޑެތި ގެއްލުންތަކެއް!

ބޯ ވާރެއާއި ގަދަ ވަޔާއެކު މިއަދު އައި ބާރުގަދަ ކޮޅިގަނޑެއްގައި ބަނޑިދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އިއްޔެ ވެސް މޫސުން ރީތިކޮށް އޮތުމަށްފަހު މިއަދު ހެނދުނުން ފެށިގެން ބަނޑިދުއަށް ނުހުއްޓައި ކުރަމުންދާ ވިއްސާރައިގައި އެރަށުގެ ފަސް ގެއެއްގެ ފުރާޅު އެއްލާލައި އެ ގެތަކުގެ ހިފައިގެންގުޅޭ ތަކެއްތިވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި ބޮޑެތި ގަހާއި ރުއްތަށް މުލުން ލުހެލައި ވެއްޓި ގެތަކާއި މަގުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

މި ހާދިސާގައި ރަށުގެ އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން ބަނޑިދޫ ކައުންސިލް މެންބަރު އުމަރު ޒާހިރު ވިދާޅުވީ، ކޮޅިގަނޑުގެ ސަބަބުން ރަށުގެ އާންމު ހާލަތު ވަރަށް އުނދަގޫ ހާލަތަކަށް ގޮސްފައިވާ ކަމަށެވެ. ބައެއް ގެތަށް ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު ބޮޑެތި ގަސްތައް ވެއްޓި
ގެތަކުގެ ފުރާޅުތައް ހަލާކުވެ، ސީލިންއަށް ފެންވަދެ އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ގެއްލުންތަކުގެ ރިޕޯޓު ޑިސާސްޓާ މެނޭޖްމަންޓާއި އެމްއެންޑީއެފްއަށް ވެސް މިހާރު ފީފައިވާ ކަމަށެވެ. އެހެންކަމުން ގެއްލުންވި ރައްޔިތުންނަށް ގެއްލުމުން އަރައިގަންނަން އެހީ ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާއިރު، ކުރިއަށް އޮތް ތިން ދުވަހަކީ ވެސް ވިއްސާރަ ކުރާނެ ތިން ދުވަހަށް ވާނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. އަދި އެ އިދާރާއިން ވަނީ ރައްކާތެރިވެ ތިބުމަށްވެސް އިލްތިމާސްކޮށްފަ އެވެ.