ރިޕޯޓް

ހިތުހުރި ތަނަކަށް ކުނި ނޭޅޭނެ؛ ކުރިމަތީ އޮތީ ޖޫރިމަނާ

ކުނި އަޅައި މަގުތައް ހަޑިކުރާ މީހުންނަށް އަދަބު ދިނުމަށް ކޮމިޓީއެއް ހަދައި ޖޫރިމަނާކޮށް ކުނި އަޅާ މީހުންގެ މައުލޫމާތު ހާމަކުރުން ކަހަލަ އެތައް ކަމެއް ކުރެވިދާނެ އެވެ. މިފަހުން މާލޭގެ މަގުމައްޗަށް ކުނި އެޅި ބަޔަކު ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ. ކުނި އެޅުމުގެ މައްސަލައަކީ ރާއްޖޭގައި ހައްލު ނުވެ އޮތް މައްސަލައެކެވެ. ހިތުހުރި ތަނަކަށް ކުނި އުކައި ވެށި ހަޑިކުރުމަށް ވަނީ މިހާތަނަށް ނިމުމެއް ނައިސްފަ އެވެ. ނަމަވެސް އުޅޭ ވެށި ސާފުތާހިރުކޮށް ބޭއްވޭނީ މިފަދަ ހަރުކަށި އަދަބުތަކެއް ނުވަތަ އުސޫލުތަކަކުން ބަނދެލުމުން އެކަނި ހެއްޔެވެ؟

ސާފުތާހިރުކަން އެކި މީހުން މާނަކުރާ ގޮތް ޔަގީނުންވެސް ތަފާތެވެ. ވެރިރަށް މާލެއަށް ބެލި ނަމަވެސް މީގެ ހެކި ފެންނާނެ އެވެ. ސާފުކޮށް ކުނި ކަހައި ރީތިކޮށްފައި އޮންނަ މަގަށް އެއްވެސް ފަރުވާލެއްނެތި ކުޅު ޖަހާ މީހުން ވެސް ފެންނާނެ އެވެ. ޑަސްބިނެއް ފެންނަން ހުރެއްޖެނަމަ އެތެރެއަށް ކުނިކޮޅު އެޅުނަސް ނޭޅުނަސް އޭގެ ކައިރީގައި ކުނިކޮޅު ބޭއްވުމުން ފުދޭ މީހުން ވެސް އުޅެ އެވެ. މަގުން ދަމުން ގަންނަ ޖޫގޯތަށި ނުވަތަ އެކްސެލް ދަޅު ހުސްވުމުން މަގުމައްޗަށް އެއްލާލުމުގެ ބަދަލުގައި މަގު މަތީގައި ބަހައްޓާފައި ހުންނަ ކަރަންޓު ފޮށިތަކުގެ މަތީގައި އެތަކެތި ރީތިކޮށް އަތުރާލާފައި ހުންނަ ތަން ގިނައިން ފެންނާނެ އެވެ. ކޮންމެ ގޮތެއް ވިޔަސް މިއީ ވެރިރަށުގައި މިކަން އޮތް ގޮތެވެ. ކުނި ނަގަން ކަނޑައަޅާފައި ތިބޭ ބަޔަކު އައިސް ނަގަންދެން އެތަކެތި އެތަނެއްގައި އިންތިޒާރުކުރަންޖެހޭނެ އެވެ.

ރާއްޖެއަކީ މީސްކޮޅު މަދު ގައުމެކެވެ. އެހެން ނަމަވެސް އާންމު ތަންތަނަށް ކުނި އެޅުމަކީ ހައްލުނުކުރެވުނު ވަބާއެކެވެ. އެންމެ ފަހުން މިކަން ހުއްޓުވަން ވެސް މި ޖެހުނީ ދަނޑިމާރު އަޅައިގެން ލަޓިބުރީގެ ވަރު ދައްކައިގެންނެވެ. މިއީ ތަންފުކެއް ބޮޑު ވަރެކެވެ. ބޭނުންކުރާ ކުނިކޮޅު ހުންނަ ޑަސްބިނަކާ ހަމައަށް ގެންގޮސް އުކާލުމުން އޭގެ ސަބަބުން ދެވަނަ މީހަކަށް ވާނެ އުނދަގުލެއް ގައިމުންވެސް ނެތެއް ނޫންހެއްޔެވެ؟ އެވަރުކޮށްލަން ބުރަ މަސައްކަތަކީ ހެއްޔެވެ؟

ތިމާވެށި ފުލުހުންނަށް އެކަނި ވާނެ؟

ނުވާނެ އެވެ. މަގުމައްޗަށް ކުނިއެޅުން ފަދަ ކަންތައްތައް ހައްލުވާނީ ހަމަ ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. ގޯސް އާދަތަކުން އިސްލާހުވެ، އަމިއްލަޔަށް އިސްނެގުމުންނެވެ. ފުލުހުންނަށް ކުރެވޭނެ ވަރަކީ އެމީހުންނަށް ފެންނަ ހިސާބެއްގައި ކަންކުރާ މީހާއަށް އަދަބު ދިނުމެވެ. ނޫނީ ކުނި އަޅާފައި ހުންނަ ތަނެއް ފެނުމުން އެތަނެއްގައި އުޅޭ އެކި މީހުންނާއި ސުވާލުކޮށްގެން އެ ތަނަކަށް ކުނި އެޅި ބަޔަކު ހޯދުމެވެ. ނުވަތަ އެއްގޮތަކަށް ވެސް އެބަޔަކާ ހަމައަށް ނުދެވި އެ ކުނިކޮޅު ނަގައިގެން ގޮސް އުކާލުމެވެ. އެކަން އޮތީވެސް އެހެންނެވެ.

މި އަހަރުގެ މާޗް މަހު އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން ތިމާވެށިފުލުހުންގެ ހިދުމަތް އުފަންކޮށް މިހާތަނަށް ޖޫރިމަނާ ކޮށްފައިވަނީ އެންމެ 17 ފަރާތެކެވެ. ތިމާވެށި ފުލުހުންގެ މަސައްކަތުގެ ދަށުން މިހާތަނަށް މާލޭގެ 77 ތަނެއް ސާފުކޮށްފައިވެ އެވެ. އަދި އެކި ސަރަހައްދުތައް ބަލައި 46 ފަރާތަކަށް ނަސޭހަތް ދީފައިވާ އިރު، 23 ތަނެއްގައި ކުނި ހުރިކަން ފާހަގަކުރެވިފައިވީ ނަމަވެސް އެކަން ކުރި ބަޔަކު ނޭނގޭތީ އެއްވެސް ބަޔަކަށް ފިޔަވަޅު ނާޅައި އެތަންތަން ވެސް ފުލުހުން ވަނީ ސާފުކޮށްފަ އެވެ.

މަގުތަކާއި އާންމުންނަށް އުނދަގޫވާގޮތަށް ހާމަ ތަންތަނަށް ކުނި އަޅާ މީހުން 300 ރުފިޔާއާއި 100،000 ރުފިޔާއާއި ދެމެދުން މިހާރު އޮތް ގާނޫނުން ޖޫރިމަނާ ކުރެވޭނެ އެވެ.

އެހެން ނަމަވެސް، ފުލުހުންގެ އެކްޓިން ކޮމިޝަނާ އަބްދުﷲ ނަވާޒް ވިދާޅުވާ ގޮތަށް، މި ކަމަކީ "ސްލިޕެއް"ގެ ބިރު ދައްކައިގެން ހައްލުވާ ވަރަށްވުރެ އުނދަގޫ މައްސަލައެކެވެ. މުހިއްމީ ޖޫރިމަނާކުރުމެއް ނޫނެވެ. އަދި ކުރަންދެން ތިބުމެއް ވެސް ނޫނެވެ.

އަދަބު ދެނީ ރާއްޖޭގައި އެކަނި ތަ؟

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސިޓީތަކުގައި ވެސް ކުނި އެޅުމާއި މަގުމަތި ހަޑިކުރާ މީހުންނަށް ހާއްސަ އަދަބުތަކެއް ކަނޑައަޅާފއި އޮވެ އެވެ. އެންމެ ގާތުން ބަލާނަމަ ހުރިހާ ގޮތަކުން ދިވެހިން ނަމޫނާއަކަށް ބަލާ ސިންގަޕޫރަކީ މިފަދަ ނަމޫނާއެކެވެ. އެގައުމުގައި އާންމުން އެއްވެ އުޅޭ ތަންތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ ގޮތުން ހަރުކަށި ގަވާއިދުތަކެއް ހަދާފައި ހުރެ އެވެ. އެއްވެސް މީހަކު މަގުމައްޗަށް ކުނި އަޅަނިކޮށް ފެނިއްޖެ ނަމަ ފުރަތަމަ ފަހަރުން އެމީހަކު 1000 ޑޮލަރާ ދޭތެރޭ ޖޫރިމަނާ ކުރެ އެވެ. ތަކުރާރުކޮށްފިނަމަ 5000 ޑޮލަރާ ދެމެދު ޖޫރިމަނާ ކުރެ އެވެ. ތިން ވަނަ ފަހަރަށް ތަކުރާރުކޮށް ގާނޫނާ ހިލާފުވުމުން، "އަހަންނަކީ ކުނި އަޅާ މީހެއް" މިހެން ލިޔެފައިވާ ޓީޝާޓެއް ވަކި ދުވަހެއް ވަންދެން ލައިގެން އުޅުމަށް މަޖުބޫރުކުރެ އެވެ.

ޑަސްބިން ނޫން ތަނަކަށް ފޮނި ބޮއެ އެއްލައިލާ ޗުވިންގަމް ކޮޅަކުންވެސް ސިންގަޕޫރުގައި ޖޫރިމަނާ ކޮށްފާނެ އެވެ. އެންމެ ކުޑަމިނުން އާންމުން ބޭނުންކުރާގޮތަށް ހުންނަ ޕަބްލިކް ޕާހާނާ ފްލެޝް ނުކުރުމުންވެސް 100 ޑޮލަރުން ޖޫރިމަނާ ކޮށްފާނެ އެވެ.

ހަރުކަށި ގާނޫނުން ސިންގަޕޫރު ސާފުކޮށް ބޭއްވޭނަމަ، ރުވާންޑާގެ ވެރިރަށް "ކިގަލި" އަކީ ބޮޑެތި ޖޫރިމަނާ އާއި ހަރުކަށި އަދަބުތަކަކާއި ނުލައި ސިޓި ސާފު ރީތި ތަނެއްގެ ގޮތުގައި ބޭއްވުމުގައި ނަމޫނާ ދައްކައިދީފައިވާ ގައުމެކެވެ. އެކަން އެގޮތަށް ކޮށްފައިވަނީ 19 ވަނަ ގަރުނުން ފެށިގެން އެގައުމުގައި ގެންގުޅޭ ހަރުދަނާ އިޖްތިމާއީ އުސޫލުތަކުގެ ސަބަބުންނެވެ. 19 ވަނަ ގަރުނުގައި ކޮންމެ ހަފްތާއަކު ދެފަހަރު އިޖްތިމާއީ އެކު މަސައްކަތްތައް ކުރުމަށް އެގައުމުގެ ކުދިބޮޑު އެންމެން ނިކުންނަންޖެހޭ ކަމަށްވެ އެވެ. 2000 ވަނަ އަހަރު ޕޯލް ކަގާމޭ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އުފެއްދި ޕޮލިސީއެއްގެ ދަށުން ކޮންމެ މަހެއްގެ ހޮނިހިރު ދުވަހުގެ ހެނދުނު ބަދަލުކޮށްލީ މުޅި ސިޓީ ސާފުކުރަން މަޖުބޫރުވާ ގަޑިއަކަށެވެ. އެންމެ ކުޑަމިނުން ޓެކްސީއެއްގައިވެސް އެ ގަޑީގައި ދަތުރުކޮށްނުލެވޭނެ އެވެ. އަށާރަ އަހަރުން މަތީގެ ކޮންމެ މީހަކަށް މި ގަޑީގައި ސާފުކުރަން ނިކުންނަން މަޖުބޫރިވި އެވެ. މި ކަމުގެ އުނދަގޫ ބޮޑުކަމުން އެގައުމުގެ ރައްޔިތުން މަގުތަކަށް ކުނިއެޅުން ހުއްޓައިލީއެވެ. އެ ސިޓީއަކީ މިހާރުވެސް ދުނިޔޭގެ އެންމެ ސާފުތާހިރު ސިޓީތަކުގެ ތެރެއިން ސިޓީއެކެވެ.

އެހެންކަމުން އަމިއްލަ ނަފްސާއި ސުވާލުކޮށްލަން ޖެހެއެވެ. ވެށި ސާފުތާހިރުކޮށް ބާއްވަންވީ ބަޔަކު ކޮށްފާނެ ޖޫރިމަނާއަކަށް ބިރަށް ހެއްޔެވެ؟ ނޫނީ އަމިއްލައަށް ފެނި އަމިއްލަ ވަޒަން ދެކެ ލޯބިވާތީ ހެއްޔެވެ؟ އެންމެ ފުރަތަމަ ކަމަކަށް އަހަރެމެން އުޅޭ ތަނަށް އަހަރެމެން ކުނި އަޅަންވީ ކީއްކުރަން ހެއްޔެވެ؟ ޖެހުނުހާ ތަނަކަށް ކުނި އެޅުމުގެ ކުރިން މި ސުވާލުތައް ހިތާ ހިތާ ކޮށްލާށެވެ.