ހަބަރު

ބްރިޖުގެ ފުރަތަމަ ކައިވެނި މިމަހު 31 ގައި!

ސިނަމާލޭ ބްރިޖު މަތީ ބާއްވާ ފުރަތަމަ ކައިވެނި ހަފްލާ މި މަހު 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މަހު 31 ވަނަ ދުވަހު ބްރިގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައިވެނި ހަފްލާއެއްގެ ހުރިހާ ޑެކަރޭޓިން މަސައްކަތަކާއި ބެކްޑްރޮޕް ހަދާދޭނެ ފަރާތެއް ހޯދާ ކަމަށެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހު ހައުސިން މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުމަށް އެދޭ ކަމަށާއި އިތުރު މައުލޫމާތު ސާފު ކުރުން މާދަމާ މިނިސްޓްރީގައި އޮންނާނެ ކަމަށެވެ.

ބްރިޖުގައި ކައިވެނި ކުރުމުގެ ފުރުސަތު ހައުސިން މިނިސްޓްރީ އިން ހުޅުވާލީ މިމަހުގެ ފަސް ވަނަ ދުވަހުގަ އެވެ. އެގޮތުން އަލަތު ކައިވެނި ކުރާ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު އޮންނަ އިރު ބްރިޖުގައި ކުރާ ކައިވެނީގެ ފޮޓޯ ނަގައިދިނުމާއި ޑެކޮރޭޝަން ފަދަ ހުރިހާ ހަރަދެއް ކުރާނީ ސަރުކާރުންނެވެ. ކުރިން ންމީހާއަށް ހެދުން ގަތުމަށް 15،000 ރުފިޔާ، ފިރިހެން މީހާ އަށް 7000 ރުފިޔާ ވެސް އޮތީ ސަރުކާރުން ދޭ ގޮތަށެވެ. ނަމަވެސް އެކަމަށް ކުރިމަތިލީ މީހުން އަދަދު ގިނަ ކަމުން ފަހުން އެ ހަަރަދުތައް އުނި ކުރީ އެވެ.

ބްރިޖް މަތީގައި ކައިވެނި ކުރެވެނީ ވަކި ތީމްތަކެއްގަ އެވެ. އެގޮތުން ފަސް ތީމެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވިއަން، ޗައިނީސް، ފްލޯރަލް، ސަންސެޓް އަދި ވިންޓޭޖް އެވެ. އެތަނުން ރިކްއެސޓް ކުރެވޭނީ ގިނަ ވެގެން ދެ ތީމަކަށެވެ. އެ ދެ ތީމްގެ ތެރެއިން ފުރުސަތު ދެވެން އޮތް ތީމް ފައިނަލް ކުރާނީ މިނިސްޓްރީ އިންނެވެ.

ހައުސިން މިނިސްޓްރީން ބުނީ، ބްރިޖް މަތީގައި ބާއްވާ ކައިވެނި ހަފްލާގައި ބައިވެރިވެވޭނީ ގިނަވެގެން 50 މީހުންނަށް ކަމަށެވެ.