ރާއްޖޭގެ ތިންލައްކަ މީހުންގެ އާބާދީ އެއްތަންކޮށް ތަރައްގީ އާއި ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެ ވަޑައިގެންނެވި "ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫގައި މިހާތަނަށް 5000 އަށްވުރެ ގިނަ ފޯމް ދޫކޮށްފި އެވެ.
ތ އަތޮޅު މަޑިފުށީގައި މިއަދު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒް ވިދާޅުވީ، ރައީސް ޔާމީން ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެ ނަމަ، އެކަމެއް ކުރައްވާނެ ކަމުގެ އިތުބާރު ރައްޔިތުންނަށް އޮންނަ ކަމަށެވެ. ވިލިމާލެ ދޭއް ނުވަތަ ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއަކީ އޭގެ ހެއްކެއް ކަމަށާއި އެ މަޝްރޫއުގެ ފޯމް ދޫކުރަންފެށިތާ އެންމެ ހަފްތާއެއް ވީއިރު އެ މަޝްރޫއުގެ ފްލެޓާއި ބިމަށް އެދި 5222 ފޯމް ހޮސްކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ ގައުމުގެ ހުރި ބޮޑެތި މައްސަލަތަކުގެ "ޓޯޓަލް ސޮލިއުޝަން" ނުވަތަ ދާއިމީ ހައްލު ހޯދައދިނުމަށް ކަމަށެވެ. ވިލިމާލެ މަޝްރޫއާއި ހިޔާ އެކޮމްޕްލިޝްޑް ފަދަ މަޝްރޫއުތަކަކީ އެފަދަ ހައްލުތަކެއް ކަމަށެވެ.
ވިލިމާލެ 2 އަކާއި ފުށިދިއްގަރު ހިއްކައިގެން ކުރިޔަށް ގެންދާ މި މަޝްރޫގައި އަޅާ ފްލެޓާއި ދޫކުރާ ގޯތި ހޯދަން ފޯމް ދޫކުރަން ފެށީ މިދިޔަ ހަފްތާގެ އަނގާރަ ދުވަހުގަ އެވެ.
ވިލިމާލެ ދޭއްގެ މަޝްރޫއަކީ މާލެ އާއި ކައިރީގައިވާ ދެ ފަޅެއް ހިއްކައިގެން އެތަން އާބާދުކުރުމުގެ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މުޅި ގުޅީފަޅު ހިއްކާނެ އެވެ. އެއީ 230 ހެކްޓަރެވެ. އެ ބިމުން 130 ހެކްޓަރުގައި 1000 އަކަފޫޓްގެ 82000 ފްލެޓް އަޅާނެ އެވެ. އަދި ޒަމާނީ ސިޓީއެއްގެ ހުރިހާ ސިފަތަކަކާއެކު އެތަން ތަރައްގީ ކުރާނެ އެވެ. އަދި މާލެ ކައިރީގައި އޮންނަ ފުށި ދިއްގަރު ފަޅުވެސް މި މަޝްރޫއުގެ ދަށުން ހިއްކާނެ އެވެ. އެއީ ގާތްގަނޑަކަށް 800 ހެކްޓަރެވެ. އެހެންކަމުން ހިޔާ އެކޮމްޕްލިޝް މަޝްރޫއުގެ ދަށުން ޖުމްލަ 1000 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ފުށި ދިއްގަރު ފަޅުގައި ހިއްކާ ބިމުން ދޫކުރާނީ
ގޯއްޗެވެ. ގޯތިވެސް ދޫކުރަނީ 1000 އަކަފޫޓުގެ ގޯއްޗެވެ.