ރެއާލް މެޑްރިޑް

ރޮނާލްޑޯ ނެތުމަކުން ރެއާލްގެ ކާމިޔާބަށް ހުރަހެއް ނެތް

ކްރިސްޓިއާނޯ ރޮނާލްޑޯ ނެތުމަކުން ކާމިޔާބު ހޯދަން ރެއާލް މެޑްރިޑަށް ހުރަހެއް ނެތް ކަމަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.

ނުވަ އަހަރަށް ފަހު، ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑް ދޫކޮށްލާފަ އެވެ. މިދިޔަ ޓްރާންސްފާ ޕީރިއަޑްގައި ރޮނާލްޑޯ ވަނީ 100 މިލިއަން ޕައުންޑަށް ޔުވެންޓަސްއަށް ބަދަލުވެފަ އެވެ. ރޮނާލްޑޯ ނެތި ރެއާލް މެޑްރިޑް މިރޭ ފުރަތަމަ ރަސްމީ މެޗު ކުޅޭނެ އެވެ.

އެސްޓޯނިއޯގެ ޓަލިންގައި ކުޅޭ ޔޫއެފްއާ ސުޕަ ކަޕުގެ މެޗުގެ ކުރިން، ރާމޯސް ބުނީ ރޮނާލްޑޯ ކަހަލަ ވަރުގަދަ ކުޅުންތެރިޔަކު ކުލަބު ދޫކޮށް ދިއުމަކީ ނެގެޓިވް ކަމެއް ކަމަށާއި ނަމަވެސް އެއީ ކާމިޔާބަށް ކުރިމަތިވާނެ ހުރަހެއް ނޫން ކަމަށެވެ.

"މަޒީގައިވެސް އެންމެ މަޝްހޫރު ކުޅުންތެރިން މި ޓީމުގައި ކުޅުނު، އަހަރެމެން އަބަދުވެސް ދިޔައީ މޮޅުވަމުން، އޭނާވެސް ކުލަބު ދޫކޮށްލަން ޖެހޭނެ، ނަމަވެސް އަބަދުވެސް މި ކުލަބު ދާނީ ކުރިއަށް، ރެއާލް މެޑްރިޑް އަބަދުވެސް ދާނީ ކުރިއަށް، ކޮންމެ ގޮތެއްވިޔަސް މި ކުލަބު މޮޅުވުން ނުހުއްޓެނޭ އަބަދުވެސް ދާނީ ކުރިއަށް،" ރާމޯސް ބުންޏެވެ.

"ޓީމު ބަދަލު ކުރަން އޭނާ [ރޮނާލްޑޯ] ނިންމީ އަމިއްލައަށް، އަހަރެން އުންމީދު ކުރަނީ އެކަން ދާނީ އޭނާ އާއި އަހަރެމެންނަށްވެސް ރަނގަޅަށް ކަމަށް."

ޔުވެންޓަސް ޓީވީގައި މިހަފުތާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައި ވަނީ، ޔުވެންޓަސް އޭނާއަށް ފާހަގަ ކުރެވެނީ އެއް އާއިލާއެއްހެން ކަމަށެވެ. ރެއާލް މެޑްރިޑްގައި ފެމެލީއެއްގެ ހަމަތައް ނެތީތޯ މީޑިއާއިން ސުވާލު ކުރުމުން ރާމޮސް ބުނީ، ރޮނާލްޑޯ ދައްކަން އުޅެނީ ކޮންވާހަކައެއް ކަން އޭނާއަށް ނޭނގޭ ކަމަށެވެ. ނަމަވެސް ރެއާލް މެޑްރިޑްގައި އަބަދުވެސް އޮންނަނީ އާއިލާއެއްހެން ކަމަށެވެ.

ރެއާލްގެ ވައިސް ކެޕްޓަން މާސެލޯ ބުނީ ރޮނާލްޑޯ ނެތުމަކީ އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް ރެއާލްގައި އޮތް ސްކޮޑާއެކު އެ ޓީމުގައި ކާމިޔާބު ހޯދުމުގެ ފެންވަރު އެބަހުރި ކަމަށެވެ.