ހަބަރު

ހައިކޯޓުގެ އުތުރުގޮފީގެ ޝަރީއަތްތަށް ފެށުމަށް ސުޕުރީމްކޯޓުން އަންގައިފި

ހައިކޯޓުގެ އުތުރުގޮފީގެ މަސައްކަތްތަށް ފެށުމަށް ސުޕުރީމްކޯޓުން އަންގައިިފި އެވެ.

ސުޕުރީމްކޯޓުން ނެރެފައިވާ ގަރާރެއްގައި ބުނެފައިވަނީ، ދިވެހި ރާއްޖޭގެ ކޯޓު ތަކުގެ ގާނޫނަށް ގެނައި އެއްވަނަ އިސްލާހާއެކު ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރަންޖެހޭ ހައިކޯޓުގެ ގޮފިތަށް ގާއިމް ކުރުމާއި އެތަންތަނުގައި ޝަރީއަތްތައް ކުރިއަށްދާކަން ކަށަވަރު ކުރުމަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން އެކޯޓުގެ މައްސޫލިއްޔަތެއްކަމަށެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ހައިކޯޓުގެ އުތުރުގޮފި ހދ. ކުޅުދުއްފުށީގައި ގާއިމްކޮށް، ޝަރީއަތް ހިންގުމަށް އިދާރީގޮތުން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތަށް ހަމަޖެހި ނިމިފައިވާ ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ އުތުރު ގޮތްޕާއި، ދެކުނު ގޮފީގައި ޝަަރީއަތް ހިންގުމާއިގުޅޭގޮތުން ސުޕުރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ ގަރާރުގައި ވާގޮތުގެ މަތީން، ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީއަތް ހިންގުމުގެ އެންމެހާ އިންތިޒާމްތަކެއް ހައިކޯޓުން ކުރިޔަށް ގެންދިއުމަށް ސުޕުރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅާފައިވާ ކަމަށް އެގަރާރުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސުޕުރީމް ކޯޓުން އެކަމާއި ގުޅިގެން ނެރެފައިވާ އާންމު ސިޓީއެއްގައި ބުނެފައިވަނީ، ރާއްޖޭގެ އުތުރުގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ އުތުރުގޮފި ހިމެނޭ ސަރަހައްދުގެ ކޯޓުތަކާއި، ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތަށް، އިސްތިއުނާފު ކުރުމަށް އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ، ޓްރައިބިއުނަލަކަށް ހުށަހެޅުމުން، އެ މައްސަލައިގެ ފައިލް ލިޔުންތަކާއިއެކު، ސީދާ ހައިކޯޓުގެ އުތުރު ގޮތްޕަށް ފޮނުވަމުން ގެންދިއުމަށް އަންގާ ކަމަށެވެ.

އައްޑޫ ސިޓީގައި ގާއިމް ކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތަށް ހުއްޓިފައި އޮތުމަށްފަހު އަލުން ފެށުމަށްވެސް ސުޕުރީމް ކޯޓުން ވަނީ މީގެ ކުރިން ވަނީ އަންގައިފަ އެވެ.