ހަބަރު

ހައިކޯޓްގެ އިސް ފަނޑިޔާރު ކަމަށް ސުޖާއު އުސްމާން ހަމަޖައްސައިފި

Aug 15, 2018
3

ހައިކޯޓްގެ އިސް ފަނޑިޔާރު ކަމަށް ސުޖާއު އުސްމާން މިއަދު ހަމަޖައްސައިފި އެވެ.

ހައިކޯޓްގެ މީޑިއާ އޮފިޝަލް، އަމީން ފައިސަލް ވިދާޅުވީ، ސުޖާއު އުސްމާން އިސްފަނޑިޔާރު ކަމަށް ހަމަޖައްސަން ނިންމީ މިއަދު ކަމަށެވެ. އެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް މިފަހުން ހަމަޖެއްސުމާ ގުޅިގެން އެވެ. ސުޖާއު މިހާތަނަށް ހުންނެވީ، ހައިކޯޓްގެ ދެކުނު ގޮފީގެ ފަނޑިޔާރެއްގެ ގޮތުގައި ހަމަޖައްސަވައިފަ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ، ތިން މަސްދުވަހުގެ މުއްދަތަށް މާލޭގައި ހުންނަ ހައިކޯޓްގައި މައްސަލަތައް ބެލުމަށް އޭނާ ބަދަލު ކުރައްވައިފަ އެވެ. ސުޖާއު އުސްމާނަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށުކޯޓްގަ އާއި ހައިކޯޓްގައި ވެސް ބައްލަވައި ހުކުމް ކުރައްވާފައިވާ ފަނޑިޔާރެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗްގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.

އޭނާގެ އިތުރުން ދެން ހައިކޯޓްގައި ތިއްބަވަނީ، ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ޝުއައިބު ހުސެން ޒަކަރިއްޔާ، ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމް، ފަނޑިޔާރު އަލީ ސަމީރު، ފަނޑިޔާރު މުހައްމަދު ނިޔާޒު، އަދި ފަނޑިޔާރު ހަސަން އަލީ އެވެ.