ހަބަރު

މާލެއިން ފެންނަނީ ކަންބޮޑުވުން، ހައްލު ހޯދާނަން: އިބޫ

މާލޭގެ ކޮންމެ ހިސާބަކަށް ވަޑައިގެންނެވި ނަމަވެސް ފެންނަނީ ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތައް ކަމަށާއި އެ ކަންބޮޑުވުން ހައްލުކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ހާއްސަ ސަމާލު ކަމެއް ދެއްވާނެ ކަމަށް ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

ގަލޮޅުގެ ބައެއް ގެތަކަށް މިއަދު ހަވީރު ކުރެއްވި ޒިޔާރަތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ގެދޮރުގެ މައްސަލައަކީ މާލޭގެ ކޮންމެ ހިސާބަކަށް ޒިޔާރަތް ކުރެއްވި ކަމަށްވީ ނަމަވެސް ފެންނަމުންދާ ކަމެއް ކަމަށެވެ. އެގޮތުން ގަލޮޅުގެ މީހުންނަށް ވެސް އެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބަ އޮތްކަން ފާހަގަކުރައްވައި އިބޫ ވަނީ އެކަމަށް ހައްލު ހޯދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މާލޭގައި މިހެން ހިނގާލީމަ މި ފެންނަނީ މާލޭގެ ކޮންމެ ހިސާބެއްގައި ވެސް އެ ކަންބޮޑުވުން މި އޮތީ، ކޮންމެ ގެއަކުން ވެސް ހަމަ އެއް އިހްސާސް ކުރެވެނީ، ހަމަ ވަރަށް ވަރަށް ދެރަކޮށް ގޭގެ ކަންތަށްތަށް ހުރިތަން ފެންނަނީ، ބައެއް ގޭގޭގައި ކޮޓަރިއެއްގައި އާއިލާއާ އެކީގައި ދެމަފިރިންނާއި އެކީގައި، ހަތަރު ދަރިން ފަސް ދަރިން އެކީގައި އުޅޭ ގޭގެ އަބަހުރި، މިއީ އެންމެ ބޮޑު ކަންބޮޑުވުމަކަށް މި ފެންނަނީ،" ގަލޮޅުގައި ހުންނަވާ އިބޫ ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގެދޮރުވެހިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދިޔަ ވެށިފަހި މާލެ ޕްރޮގްރާމް އަލުން ރިވިއުކޮށް އިތުރު ފަސޭހަތަކާއެކު މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އޭގެއިތުރުން ރާއްޖޭގެ އެހެން ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ ގޮތްތައް ހައްދަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ހދ. އަތޮޅަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު އިއްޔެ ހަވީރު އެވެ. މިއަދު ހަވީރު ގަލޮޅުގެ ގޭގައަށް އިބޫ ޒިޔާރަތް ކުރެއްވިއިރު މާދަމާ ގުރައިދޫ ދާއިރާގެ ރަށްތަކަށް އިބޫ ވަޑައިގަންނަވާނެ އެވެ. އަދި މިރޭ އެމްޑީޕީ ޒުވާނުންގެ ޖަގަހަ ހުޅުވައިދެއްވާނެ އެވެ.