ހަބަރު

ނަސީރުގެ މައްސަލަ ބަލައިނުގަންނަން ހައިކޯޓުން ނިންމައިފި

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހެޅުއްވި ހުސެއިން ނަސީރުގެ އިންތިހާބީ ޝަކުވާގެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި އެވެ.

ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ އިއްޔެ ނިންމެވި ނިންމުމުގައި ބުނެފައިވަނީ ނަސީރު ހުށަހަޅާފައިވާ މައްސަލައަކީ އިންތިހާބީ ޝަކުވާއެއްކަން ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވައިދުތައް އަދި އުސޫލުތަކުން ބެލެން ނެތް ކަމަށެވެ. މައްސަލަ ބަލައިނުގަތުމަށް ނިންމީ އެހެންވެ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު، މި މަހުގެ 10 ވަނަ ދުވަހު ހަމަވި އިރު، އީސީ އިން ބުނެފައި ވަނީ އަމިއްލަ ގޮތުން ކުރިމަތިލެއްވި، ހުސެން ނަސީރުގެ ފޯމް ބާތިލް ކުރީ، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ހުށަހަޅަން ޖެހޭ 1،500 މީހުންގެ ސޮއި ހުށަހެޅި އިރު އެ ސޮއިތަކުގެ މައްސަލަތަކެއް ހުރުމުންނާއި އޭނާގެ ރަނިންމޭޓަކަށް ހުށަހެޅުއްވި، ޝެއިހް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑްތަކެއް ހުރުމުން ކަމަށެވެ.

ނަސީރުގެ ޓީމުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާގެ ރަނިންމޭޓް ޝޭހް ނަސްރުﷲ މުސްތަފާ ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ވަނީ ހުސައިން ނަސީރުގެ ހައްގު ނިގުޅައިގެންފައިކަމަށެވެ. އެގޮތަކީ ފޯމް ބާތިލްކުރިކަން ގަވާއިދާ އެއްގޮތަށް އީސީން އެންގި ނަމަވެސް، ވަގުތު ކުޑަތަންވެފައި އޮއްވައި އަލުން ފޯމް ހުށަހަޅަން ފުރުސަތު ނެތްގޮތަށް ފޯމްސެޓް އެއްކޮށް ހުށަހެޅުމަށް އިލެކްޝަނުން އަންގާފައިވަނީ ނަސީރަށް ފުރުސަތު ހަނިވާ ގޮތަށް ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި އެއް ލައްކަ ރުފިޔާ އާއި ފޯމްސެޓް އަނބުރާ އިލެކްޝަންސްއިން ދީފައިނުވާ ކަން އޭބޭފުޅުން ފާހަގަ ކުރައްވާފައިވެ އެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން، އިންތިހާބަށް ކުރިމަތިލާ ފަރާތެއްގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް އިން ނިންމައިފި ނަމަ އެކަން ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށެވެ. އެ ނޫން ޝަކުވާއެއް ނަމަ، ހުށަހަޅަން ޖެހޭނީ ހައިކޯޓަށެވެ. ނަސީރުގެ ކެމްޕޭން ޓީމުން ބުނީ، ހައިކޯޓްގައި އެދިފައި ވާނީ ކެންޑިޑެސީ ފޯމް އަލުން އިސްލާހުކޮށް ހުށަހެޅުމަށް ނަސީރަށް އިތުރު ފުރުސަތެއް ދިނުމަށް ކަމަށެވެ. އިންތިހާބާ ބެހޭ މައްސަލަ ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ.