އެތުލެޓިކޯ މެޑްރިޑް

ރެއާލް ހިތްދަތިކޮށްލުމަށްފަހު ސުޕަކަޕް އެތުލެޓިކޯއަށް

ވާދަވެރި ރެއާލް މެޑްރިޑްގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޔޫއެފްއާ ސުޕަ ކަޕް ވާދަވެރި އެތުލެޓިކޯ މެޑްރިޑުން ކާމިޔާބު ކޮށްފި އެވެ.

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ސުޕަ ކަޕް ކާމިޔާބު ކުރަން ނިކުތް ރެއާލް މެޑްރިޑަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ، އެތުލެޓިކޯގެ ފޯވަޑް ޑިއޭގޯ ކޮސްޓާ މައިތިރި ކުރުމުގައި ރެއާލްގެ ޑިފެންސަށް ކާމިޔާބު ނުހޯދުމެވެ.

މެޗު ފަށައިގެން، 49 ވަނަ ސިކުންތުގައި، ކޮސްޓާ ވަނީ ރެއާލްގެ ގޯލް ހުޅުވާފަ އެވެ. އެއީ ޔޫއެފްއާ ސުޕަކަޕްގެ ތާރީހުގައި ކުޅުންތެރިޔަކު ޖެހި އެންމެ އަވަސް ލަނޑެވެ.

ލަނޑަށް ފަހު މެޗުގެ ކުރީ ކޮޅު، އެތުލެޓިކޯއިން ރެއާލްގެ ފަހަތަށް ބާރުބޮޑު ކުރިނަމަވެސް، ރެއާލުން ވަނީ މިޑްފީލްޑް ތެރެއިން ގިނަ ޕާސްތަކެއް ޖަހައިގެން މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. ރެއާލްގެ މިޑްފީލްޑަރު ޓޯނީ ކްރޫޒް ވަނީ ފުރަތަމަ ހާފުގައި އެކަނިވެސް 50 ޕާސް އުފައްދާފަ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް ދޫކޮށްލުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި، ހަމަލާތަކުގެ މުހިންމު ތަރިއަކަށްވީ ގެރެތު ބޭލް އެވެ. އޭނާ ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 27 ވަނަ މިނެޓްގަ އެވެ. ބޭލް ނަގައިދިން ހުރަސް ބޮލުން ފޮނުވާލައިގެން ލަނޑު ކާމިޔާބު ކުރީ ކަރީމް ބެންޒެމާ އެވެ.

ދެ ވަނަ ހާފުގައި، ރެއާލުން ލީޑް ނެގި އެވެ. މެޗުގެ 63 ވަނަ މިނެޓްގައި ރެއާލްއަށް ލިޑް ނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. އެ ޕެނަލްޓީ އަކީ ރެއާލުން ނެގި ކޯނަރެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި، އެތުލެޓިކޯގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ހުއަންފްރާން އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނެޓަށް ވެފައި ވަނިކޮށް، ކޮސްޓާ ވަނީ އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެންހަލް ކޮރެޔާ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ހުއްޓުވަން، ރެއާލްގެ ކީޕަރު ކޭލޯ ނާވަސް މަސައްކަތް ކުރި ނަމަވެސް އެ ބޯޅަ އޭނާއަށް ލިބޭ ގޮތެއް ނުވި އެވެ. ބޯޅަ ކޮސްޓާއަށް ލިބުނު އިރު ގޯލް އޮތީ ހުހަށެވެ.

އެކްސްޓްރާ ޓައިމް ފެށިގެން އަށް ވަނަ މިނެޓްގައި އެތުލެޓިކޯގެ މިޑްފީލްޑަރު ސައުލް ނިގޭޒް ވަނީ އެ ޓީމަށް ލިޑް ނަގައިދީފަ އެވެ. އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޯކޭ ވަނީ އެތުލެޓިކޯއަށް ނަތީޖާ ފުޅާ ކޮށްދީފަ އެވެ.

ރޭގެ މެޗަކީ ރެއާލްގެ އާ ކޯޗް ހުލެން ލޮޕެޓެގީގެ ކޯޗު ކަމުގެ ދަށުން އެ ޓީމުން ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ. މެޗުން ޓީމު ބަލިވުމުން އޭނާ ވެފައި ވަނީ 2007 ވަނަ އަހަރުގެ ފަހުން ރެއާލްގައި ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ކޯޗަށެވެ. މީގެ ކުރިން، ރެއާލްގައި ކޯޗު ކަމާ ހަވާލުވެގެން ފުރަތަމަ މެޗުގައި އެންމެ ފަހުން ބަލިވީ ބާނާޑް ޝޫސްޓާ އެވެ.

މިއީ ސުޕަކަޕް އެތިލެޓިކޯއިން ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ. އެ ކާމިޔާބާއެކު އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ވަނީ އެތުލެޓިކޯގެ ތާރީހްގައި އެންމެ ގިނައިން ތަށި ހޯދައިދިން ކޯޗަށެވެ. އޭނާ ވަނީ މިހާރު އެތުލެޓިކޯއަށް ހަތް ތަށި ހޯދައިދިފަ އެވެ.