ވިޔަފާރި

ކުނީގެ މައްސަލަ ހައްލު ކުރަން އޭޑީބީއިން 33 މިލިއަން ޑޮލަރު

މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ކުރުން ހަރުދަނާ ކުރުމުގެ ގޮތުން، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 33.07 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް ދީފި އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުން ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. އަދި އޭޑީބީގެ ފަރާތުން ސޮއކުރެއްވީ ރީޖަނަލް ކޯޕަރޭޝަން އެންޑް އޮޕަރޭޝަންސް ކޯޑިނޭޝަން ޑައިރެކްޓާ ރޮނަލްޑް އެންޓޯނިއޯ އެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ ކުނީގެ މައްސަލަ ހައްލު ކުރުމަށް ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަންއިން ވެސް ރާއްޖެއަށް ދެ މިލިޔަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް ހިންގާ މަޝްރޫއަކީ 160 މިލިޔަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގެ ދެވަނަ ފިޔަވައްސަށް ބޭނުންވާ އެހީ 125 މިލިޔަން ޑޮލަރު މާލީ އިދާރާތަކުން ދޭނެ ކަމަށެވެ.

މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރަން ކުރަމުންދާ މަސައްކަތުގެ ދަށުން، ތިލަފުށީގައި މިހާރު ވަނީ ބިން ހިއްކައިން ނިންމައި، ކުނި އަންދަން އިންސެނެރޭޓަރުތަކެއް ގެނެސްފަ އެވެ.