އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ކުރިއަށް އޮތް ފަސް އަހަރު ވެސް ރާއްޖެއަށް އެހީތެރިވެދޭނެ ކަމަށް ބުނެފި އެވެ.
އޭޑީބީން ވަނީ އެ ޖަމިއްޔާއިން 2020 އިން 2024 އަށް އެކުވަލާފާފައިވާ، ކަންޓްރީ ޕާޓްނާޝިޕް ސްޓްރެޓަޖީ (ސީޕީއެސް) އިއްޔެ ނެރެފަ އެވެ.
ފިލިޕީންސުގެ ވެރިރަށް މެނީލާގައި ހުންނަ އޭޑީބީގެ އޮފީހުން ސީޕީއެސްއާ ހަވާލާދީ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ފަސް އަހަރު ވެސް އެ ޖަމިއްޔާ އިން ރާއްޖެއާއެކު ކުރިއަށް ދާނެ ކަމަށެވެ.
އޭޑީބީން ބުނި ގޮތުގައި ރާއްޖޭގެ މާލީ ސިޔާސަތުތައް ހަރުދަނާކޮށް ސަރުކާރު ކުންފުނިތަކުގެ ހިންގުމާއި ޓެކްސް ނިޒާމު ހަރުދަނާ ކުރުމުގައި އެ ޖަމިއްޔާގެ އެހީ އަދިވެސް ލިބޭނެ އެވެ. ކޮވިޑް-19 އާ ގުޅިގެން އޭޑީބީން ރާއްޖެއަށް ދީފައިވާ 50 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމުގެ ވާހަކަ ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވާއިރު އާއްމު ގޮތެއްގައި ރާއްޖޭގެ ދަރަނި މަތިވެ، ހަރަދު ބޮޑުވަމުންދާ މައްސަލާގައި ފާޅުކުރާ ކަންބޮޑުވުންތައް މިފަހަރު ވެސް ތަކުރާރުކޮށްފައިވެ އެވެ.
އޭޑީބީން 1978 އިން ފެށިގެން ރާއްޖެއަށް ތަފާތު އެހީތެރިކަން ދެއެވެ. މިގޮތުން އެއާޕޯޓު ހެދުމުގެ މަޝްރޫއު ފަދަ ބިޔަ މަޝްރޫއުތަކަށް ވެސް އެންމެ އެހީތެރިކަން ދިން އެއް ޖަމިއްޔާއަކީ އޭޑީބީ އެވެ.