މިއުޒިކް

ލަވަކިޔުންތެރިޔާ އަރީތާ ފްރެންކްލިން މަރުވެއްޖެ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރީތާ ފްރެންކްލިން މަރުވެއްޖެ އެވެ. އުމުރުން 76 އަހަރުގައި އަރީތާ މަރުވީ ޕެންކްރިއޭޓިކް ކެންސަރަށް ފަރުވާކުރަމުން އަންނަނިކޮށެވެ. އަރީތާއަށް ކެންސަރު ޖެހުނީ 2010 ވަނަ އަހަރު އެވެ. މަރުވިއިރު އޭނާ އޮތީ ޑިޓްރޮއިޓްގައި ހުންނަ އޭނާގެ އަމިއްލަ ގޭގަ އެވެ. އޭނާގެ އާއިލާއިން ވަނީ މި ހަބަރު ކަށަވަރުކޮށްދީ ބަޔާނެއް ނެރެފަ އެވެ.

"ކުއީން އޮފް ސޯލް" ގެ ނަމުން މަޝްހޫރު އަރީތާއަކީ މުނިފޫހިފިވުމުގެ ދާއިރާއާއި ސިޔާސީ ދާއިރާގައި މަޝްހޫރު މޫނެކެވެ. ލަވަކިޔުން ހުއްޓާލައި އޭނާ ވަނީ މިދިޔަ އަހަރު ރިޓަޔާކުރިކަންވެސް އިއުލާނުކޮށްފަ އެވެ. އެންމެފަހުން އޭނާ ޕާފޯމްކުރީ މިދިޔަ އަހަރު، ލަވަކިޔުންތެރިޔާ އެލްޓަން ޖޯންސްގެ އެއިޑް ފައުންޑޭޝަނަށް ފަންޑު ހޯދުމަށް ނިއު ޔޯކުގައި ބޭއްވި ޝޯއެއްގަ އެވެ.

"ރެސްޕެކްޓް" އަދި "އައި ސޭ އަ ލިޓުލް ޕްރޭޔާ" ފަދަ ބޮޑު މަގުބޫލުކަމެއް ލިބުނު ލަވަތައް ކިޔާފައިވާ އަރީތާއަށް 18 ގްރޭމީ އެވޯޑްސް ލިބިފައިވެ އެވެ. އަދި ފާއިތުވި 70 ދިހަ އަހަރުގެ ތެރޭގައި އެމެރިކާގެ ޓޮޕް ޓެން ޔޫއެސް ޗާޓުގައި 17 ފަހަރެއްގެ މަތިން
އޭނާގެ ލަވަތައް ހިމެނުނެވެ.

އަރީތާގެ އެންމެ މަޝްހޫރު އެއް ލަވަ "ރެސްޕެކްޓް" - 2000 ވަނަ އަހަރު ބްލޫ ބްރާސްއާއެކު އޭނާ ކިޔާފައިވާ ފަހުގެ ވާޝަންއެއް.

އަރިތާއަށް ވަނީ 2005 ވަނަ އަހަރު، ގޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އެމެރިކާގެ ރައީސް ދެއްވާ ޕްރެޒިޑެންޝިއަލް މެޑަލް އޮފް ފްރީޑަމް ލިބިފަ އެވެ. އޭނާއަށް އެ މެޑަލް އެރުވީ އެމެރިކާގެ އެތަށް މިލިއަން މީހެއްގެ ހިތްތައް ފަތަހަކޮށް ލޯބި ހޯދާފައިވާތީ އެވެ.

ގިނަ އަދަދެއްގެ ބަޔަކު ދަނީ އަރީތާ މަރުވުމާއި ގުޅިގެން ހިތާމަފަޅުކުރަމުންނެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދެކަނބަލުންނާއި ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދެކަނބަލުންވެސް އާރިތާ މަރުވުމާއެކު ހިތާމަފާޅުކޮށް ބަޔާނެއް ނެރެ އޭނާގެ
އާއިލާއަށް ތައުޒިއާ ފޮނުވާފައިވެ އެވެ.