ހަބަރު

ސައުދީ އެއާލައިނަށް މައްސަލައެއް ދިމާވެ، ހައްޖުވެރިން ފުރުން ލަސްވެއްޖެ

ސައުދީ އެއާލައިނަށް ޓެކްނިކަލް މައްސަލައެއް ދިިމާވެ، ހައްޖު ކޯޕަރޭޝަންގެ ދަށުން ހައްޖަށް ދިއުމަށް މިއަދު ހަމަޖެހިފައިވާ ފަރާތްތައް، ފުރުން ލަސްވެއްޖެ އެވެ.

ސައުދީ އެއާލައިނުން ބުނީ، ކޮމްޕިއުޓާ ސިސްޓަމްއަށް ދިމާވި އިޝޫއަކާ ގުޅިގެން ފްލައިޓް ޑިލޭވެފައިވާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެމައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސައުދީ އެއާލައިނުން ބުންޏެވެ.

ސައުދީ އެއާލައިނަށް މައްސަލަ ދިމާވެ، ނުފުރިފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކުރިން މިއަދު ހެނދުނު ފުރަން ހަމަޖައްސާފައިވާ 400 މީހުންނަށެވެ. އެމީހުން މިއަދު ފުރުމަށް ހަމަޖެހިފައި އޮތީ މެންދުރުފަހު 3:30 ގަ އެވެ. އެ 400 މީހުންނަކީ ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް އިތުރަށް ދިން 1،000 ކޯޓާގެ ދަށުންދާ މީހުން އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، އިދުރީސް އިސްމާއިލް ވިދާޅުވީ، މިއަދު ފުރަން ހަމަޖެއްސި މީހުންނަށް އަދި ފުރޭނެ ވަގުތެއް ބުނަން ނޭނގޭ ކަމަށެވެ. އިދުރީސް ވިދާޅުވީ، އެ މީހުންނަށް ފުރޭސީ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުވުމުން ކަމަށެވެ. އަދި ވީއެންމެ އަވަހަކަށް ހައްޖާޖީން ފުރުވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްޑީ އިދުރީސް ވިދާޅުވި އެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައޫދީން ވަނީ ރާއްޖެއަށް 2000 ކޯޓާ ދީފަ އެވެ. އެތަނުން 1000 ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. މިއަހަރުގެ ހައްޖު ދުވަހަކީ 19 އޮގަސްޓެވެ.