ހަބަރު

ނުފުރިފަތިބި ހައްޖުވެރިން މާދަމާ ހަވީރު ފުރަނީ

ސައުދީ އެއާލައިނަށް ޓެކްނިކަލް މައްސަލައެއް ދިިމާވެ، ހައްޖު ކޯޕަރޭޝަންގެ ދަށުން ހައްޖަށް ދިއުމަށް މިއަދު ހަމަޖެހިފައިވާ ފަރާތްތައް، މާދަމާ ހަވީރު ފުރުމަށް ހަމަޖެހިއްޖެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، އިދުރީސް އިސްމާއިލް ވިދާޅުވީ، ނުފުރިފަތިބި ފަރާތްތައް ފުރުމަށް ހަމަޖެހިއްޖެ ކަމަށާއި އެބޭފުޅުން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 5:00 ގައި ކަމަށެވެ.

ފުރުން ލަސްވި ސަބަބާ ގުޅިގެން ސައުދީ އެއާލައިނުން ބުނީ، އެ އެއާލައިންގެ ކޮމްޕިއުޓާ ސިސްޓަމްއަށް ދިމާވި އިޝޫއަކާ ގުޅިގެން ފްލައިޓް ޑިލޭވީ ކަމަށެވެ.

މިހާރު ނުފުރިތިބީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކުރިން މިއަދު ހެނދުނު ފުރަން ހަމަޖައްސާފައިވާ 400 މީހުނެވެ. އެމީހުން މިއަދު ފުރުމަށް ހަމަޖެހިފައި އޮތީ މެންދުރުފަހު 3:30 ގަ އެވެ. އެ 400 މީހުންނަކީ ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް އިތުރަށް ދިން 1،000 ކޯޓާގެ ދަށުންދާ މީހުން އެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައޫދީން ވަނީ ރާއްޖެއަށް 2000 ކޯޓާ ދީފަ އެވެ. އެތަނުން 1000 ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. މިއަހަރުގެ ހައްޖު ދުވަހަކީ 19 އޮގަސްޓެވެ.