ދުނިޔެ

ފަލަސްތީނު: ދެ މީހަކު ޝަހީދުކޮށް 270 މީހުން ޒަހަމްކޮށްލައިފި

Aug 18, 2018

ޣައްޒާ (އޯގަސްޓް 17) - ފަލަސްތީނު ރައްޔިތުންގެ ބިން އަނބުރާ ދިނުމަށް ގޮވާލާ ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގައި މުޒާހަރާތައް ކުރިއަށް ގެންދާތާ ހަތަރު މަސް ވެފައިވާއިރު، އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގައި އިޒްރޭލު ސިފައިން ނުކުމެ ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށް 270 މީހުން ޒަހަމްކޮށްލައިފި އެވެ.

އިނގިރޭސިން ފަލަސްތީނު ހިފައި، އެ ބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެ މީހުންނަށް އެތަނުގައި ދައުލަތެއް ގާއިމު ކޮށްދިނީ މީގެ 70 އަހަރު ކުރިންނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު އެވެ.

މިއަހަރުގެ މާޗް 30 ގައި ފެށި މުޒާހަރާތަކުގައި މިހާތަނަށް 166 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު 18،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އިއްޔެ ވެސް ކުރިއަށްދިޔަ މުޒާހަރާތަކުގައި އިޒްރޭލު ސިފައިން ވަނީ ބަޑިޖަހާ ފަލަސްތީނުގެ 30 އަހަރާއި 26 އަހަރުގެ ދެ މީހުން ޝަހީދުކޮށްލާފަ އެވެ.

ޒަހަމްވެފައިވާ 270 މީހުންގެ ތެރެއިން، ގިނަ މީހުން ޒަހަމްވެފައިވަނީ މުޒާހަރާ ހުއްޓުވަން އިޒްރޭލު ސިފައިން ބޭނުންކުރި ކަރުނަ ގޭހުގެ އަސަރުކޮށްގެން ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

އދ. އާއި މިސްރު އިސްވެ، އިޒްރޭލާއި ޣައްޒާ ކޮންޓްރޯލު ކުރާ ހަމާސް އާދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އާދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

ހަމާސް އާދެކޮޅަށް ކަމަށް ބުނެ، އިޒްރޭލުން ދޭ ވައިގެ ހަމަލާތައް ވެސް ދާދި ފަހުން ވަނީ ވަރުގަދަކޮށްފަ އެވެ.