ހަބަރު

ޖަޒީރާ ރާއްޖެ، ސިފަ ކުރެވެނީ ކިހިނެއް؟

"ޖަޒީރާ ރާއްޖެ" މިއީ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ "ކޮންކްރީޓް ތަރައްގީ"އާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ގެންގުޅޭ ހަތިޔާރެވެ. ކޮންކްރީޓް ތަރައްގީ އާއި ޖަޒީރާ ރާއްޖެގެ ބަހުސް އިންތިހާއަށް ބޮޑުވެ، ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ޖަޒީރާ ރާއްޖެ އެކި
ގޮތްގޮތަށް ގެންދަވަނީ ސިފަ ކުރައްވަމުންނެވެ.

ސަރުކާރަށް ތާއިދު ކުރައްވާ އިސް ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ޖަޒީރާ ރާއްޖެއެއް ހޯދުމަކީ 1800ގެ އަހަރުތަކުގެ ތެރެއަށް އަލުން ރާއްޖެ ދިޔުމެވެ. ޖަޒީރާ ރާއްޖޭގެ ނަރުދަމާ ނިޒާމަކިީ ގޮނޑުދޮށަށް ފާހަނާކުރުމެވެ. ގެދޮރު ދަނޑި ފަނުން އެޅުމެވެ.

ޕީޕީއެމްގެ އެސްޖީ އަބްދުﷲ ހަލީލު ވެސް ދަނޑިފަން ގެއަކާއި ކޮންކްރީޓުން ބިނާކޮށްފައިވާ ގެއެއްގެ ފޮޓޯ ޓްވީޓް ކުރައްވައި ޖަޒީރާ އާއި ތަރައްގީގެ ތަފާތު ކިޔައިދީފައިވެ އެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވެސް ވަނީ ގޮނޑުދޮށަށް ފާހަނާކުރުމަކީ ޖަޒީރާ ރާއްޖެކަން ސިފަ ކުރައްވާފަ އެވެ. އެ ބޭފުޅުންނަށް ޖަޒީރާ ރާއްޖެ ސިފަކޮށްލެވޭ ގޮތަކީ އެއީ އެވެ.

އެކަމަކު އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯގައި ކުރަހާފައިވާ ޖަޒީރާ ރާއްޖޭގެ ކުރެހުމަކީ އެއީ ނޫންކަން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވެ އެވެ. އޭނާގެ ތަސައްވުރަކީ މުޅިން އެޔެއް ނޫނެވެ. ޖަޒީރާ ރާއްޖެއަކީ 1800 އަހަރުތަކުގެ
ތެރެއަށް ރާއްޖެ އަލުން ފޮނުވާލުމެއް ނޫނެވެ.

އިބޫ ރޭ ވިދާޅުވީ، ޖަޒީރާ ރާއްޖެ ކޮންސެޕްޓަކީ އެމީހަކު އުފަން ރަށުގައި އެމީހަކަށް ހުރެވޭނެ ގޮތް ހަދައިދިނުން ކަމަށެވެ. ރަށްރަށުގައި ތިބެގެން ތައުލީމް ހާސިލްކުރެވެން ޖެހޭނެ ކަމަށެވެ. ސިއްހީ ހިދުމަތް ހޯދެން ޖެހޭނެ ކަމަށެވެ. އެކަންކަން ހާސިލްކުރުމަށް ހިޖުރަކުރަން މަޖުބޫރުވެގެން ނުވާނެ ކަމަށެވެ.

ޖަޒީރާ ރާއްޖޭގެ ވާހަކައަކީ 1800 އަހަރުތަކުގެ ތެރެއަށް ދިޔުން ނޫން ކަމަށާއި ރަށްރަށުގެ ހިތްގައިމުކަން މަތީ ހިތްފަސޭހަކަމާއެކު ތިބެގެން އަސާސީ ހިދުމަތްތައް ހޯދޭނެ ގޮތްތައް ހޯދައިދޭ ވާހަކަ
ކަމަށް އިބޫ ވިދާޅުވި އެވެ. ހިދުމަތްތައް ހޯދަން އެއް ތަނަކަށް ޖަމާވެ ތިބެން ނުޖެހޭކަން އިބޫ ތަކުރާރުކޮށް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އެމްޑީޕީގެ ޖަޒީރާ ރާއްޖެ ކޮންސެޕްޓްގެ ނަމޫނާ ރަށަކީ ކ. މާފުށި ކަމަށެވެ. އެ ރަށުން ވަޒީފާ އާއި އާމްދަނީ ރަށު ރައްޔިތުންނަށް ލިބޭއިރު އެ ރަށުގެ ރައްޔިތުން ތަންތަނަށް ހިޖުރަކުރަން ނުޖެހޭކަން އިބޫ ފާހަގަކުރެއްވި އެވެ. އިބޫ ވިދާޅުވީ، އެމްޑީޕީގެ
ސަރުކާރުގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެ އުފާވެރިކަން ލިބޭނެ ގޮތް ހަދައިދޭނެ އެވެ.